ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވީ ލޭބާ ކުއާޓާއެއްގައި އުޅޭ ބިދޭސީއެއް ނޫން

މާލެ ސިޓީއިން މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ލޭބާ ކުއާޓާއެއް ނުވަތަ ގިނަ ބިދޭސީންތަކަކާ އެއް ތަނެއްގައި ދިރިއުޅޭ މީހެއް ނޫންކަން ހާމަކޮށްފި އެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވި ދިވެއްސަކާ ސީދާ ކޮންޓެކްޓްވި މީހެކެވެ. އޭނާ ޕޮޒިޓިވްވުމާއެކު ބަންގްލަދޭޝް މީހުންގެ ހާލަތު މާލޭގައި ހުރި ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހާއްސަކޮށް އެމީހުން ދިރިއުޅޭ ތަންތަނުގެ ހާލަތާއި އެތަންތަނުގައި ޖަމާވެ އެތައް ބަޔަކު އުޅެމުންދާތީ ވައިރަސް ބާރަށް ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ.

ނަމަވެސް މިއަދު އަވަަސްއާ ވާހަކަ ދައްކަވަމުން ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ ލޭބާ ކުއާޓާއެއް ފަދަ ތަނެއްގައި ދިރިއުޅޭ މީހެއް ނޫން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އޭނާއާއެކު މާލެއިން މިހާރު ވަނީ 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. އިއްޔެ ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. އެއަށްފަހު ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28، އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް ނެތެވެ.

މީގެތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ހެނދުނު ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އެކަކަކީ (ޕޭޝަންޓް 30)އަކީ ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި އަނެއް މީހާއަކީ (ޕޭޝަންޓް 31) އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.