ދިރާގުން ގޭގެ އާއި އޮފީސްތަކަށް ދޫކުރާ، ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓު ބޭނުން ކުރާ ކަސްޓަމަރުންނަށް މި މަހާއި އަންނަ މަހު 30 ޕަސެންޓް ހިލޭ ޑޭޓާ އެލަވަންސް ދޭން ނިންމައިފި އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސެއް ދޭން ނިންމާފައިވަނީ މި ދުވަސް ވަރަކީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އިންޓަނެޓުގެ ހިދުމަތް ބޭނުން ކުރަން ފުރުސަތު ދިނުމަށް ކަމަށެވެ.
ދިރާގަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ފިކްސްޑް ބްރޯޑް ބޭންކް އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިދުމަތް ގިނަ އަދަދެއްގެ ވިޔަފާރި ތަކުން ވެސް ބޭނުން ކުރެ އެވެ.
އެ ކުންފުނިން ބުނީ މީގެ އިތުރުން ވެސް ދިރާގުން އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނާއި ވިޔަފާރި ތަކަށް އިތުރު ލުއި ފަސޭހަ ތަކެއް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ސްކޫލްތަކާއި ކޮލެޖުތައް ވަނީ ބަންދުކޮށްފަ އެވެ.