ބޭރު ކުޅިވަރު

ޕީކޭއާ ދިމާކުރާތީ ރެއާލްގެ ދަނޑުގައި ގައުމީ ޓީމުގެ މެޗު ނުކުޅޭނެ

Sep 8, 2015

ޖެރާޑް ޕީކޭއާ ސްޕޭނުގެ ބައެއް ސަޕޯޓަރުން ދިމާކުރާތީވެ، ސްޕޭނާއި އިނގިރޭސީން ކުޅޭ އެކުވެރިކަމުގެ މެޗު ރެއާލް މެޑްރިޑުގެ ދަނޑުގައި ނުކުޅެން ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފި އެވެ.

ރެއާލް 85000 މީހުންގެ ސެންތިއާގޯ ބާނަބައު ސްޓޭޑިއަމުގެ ބަދަލުގައ ނޮވެމްބަރު މަހު ކުޅޭ މިމެޗު ކުޅެން މިހާރު ނިންމާފައިވަނީ 30000 މީހުންނަށް ވަދެވޭ ތިން ވަނަ ޑިވިޝަނުގެ ހާކިއުލަސްގެ ދަނޑުގަ އެވެ.

ސްޕޭނުގެ އެންމެ ޝަރަފުވެރި ދަނޑުގައި މެޗު ނުކުޅެން ފުޓްބޯޅަ ފެޑަރޭޝަނުން ނިންމީ ސްލޮވާކިޔާއާ ދެކޮޅަށް ސްޕޭން ކުޅުނު މެޗުގެ ތަޖުރިބާއަށް ބަލައިފަ އެވެ. ބާސެލޯނާ އަށް ކުޅެމުން އަންނަ ޕީކޭއާ ދިމާކުރަނީ ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑުގެ ސަޕޯޓަރުންނެވެ.

އެއީ މިދިޔަ ސީޒަނުގެ ތިން ތަށި ބާސެލޯނާ ކާމިޔާބު ކުރުމުންނާއި މި ސީޒަނުގެ ޔޫރަޕިއަން ސުޕަ ކަޕް ކާމިޔާބުކުރުމަށްފަހު އުފާފާޅު ކުރަމުން އޭނާ ދެއްކި ވާހަކަތަކާހެދި އެވެ. ޕީކޭ ވަނީ ކުޅުންތެރިންނާއި ޓީމަށް ޝުކުރު އަދާކުރަމުންގޮސް ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އުފަންދުވަހުގެ ޕާޓީގައި ލަވަކިޔާހެދި ލަވަކިއުންތެރިޔާ ލެވިލް ރޮލްދަން އަށް ޝުކުރު އަދާކޮށްފަ އެވެ.

ރޮލްދަން ލަވަކިޔައި ރޮނާލްޑޯ އުފަންދުވަހުގެ ޕާޓީ ބޭއްވި އެތްލެޓިކޯ މެޑްރިޑް އަތުން މިދިޔަ ސީޒަނުގައި ރެއާލް 4-0 އިން ބަލިވި މެޗު ކުޅުނު ރޭގަ އެވެ. ޕީކޭ ބުނީ ބާސެލޯނާގެ ކާމިޔާބީތައް ފެށުނީ ރޮލްދަންގެ ސަބަބުން ކަމަށެވެ. ރެއާލްގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މިއީ ޕީކޭ، ރޮނާލްޑޯ އަށް ކުރި ޖެއްސުމެކެވެ. މިހެންވެ ގައުމީ ޖާޒީގައި ހުއްޓަސް އޭނާއާ ދިމާކުރުމަށް ރެއާލްގެ ސަޕޯޓަރުން ތިބީ ތައްޔާރަށެވެ.

މިހެންވެ ސްޕޭނުގެ ފެޑަރޭޝަނުން ގަބޫލުކުރަނީ ސަޕޯޓަރުންނާއި ޕީކޭގެ މައްސަލަ ހޫނުވެފައިވަނިކޮށް މި މެޗު ކުޅެން އޮތް އެންމެ ގޯސް ދަނޑަކީ ރެއާލްގެ ދަނޑު ކަމަށެވެ.

ޕީކޭ ސަޕޯޓަރުން ދިމާކުރި ނަމަވެސް ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވަނީ އޭނާ ދިފާއުކޮށްފަ އެވެ. ސްޕޭނަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދިން ޓީމުގައި ވެސް ހިމެނުނު ޕީކޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް 70 މެޗު ކުޅެދީފަ އެވެ.