ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މަސައްކަތް ކުރާ 55 އަހަރުން މަތީގެ މުވައްޒަފުންނާއި ބައެއް ހާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މުވައްޒަފުންނަށް މި ދުވަސްވަރަށް ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ 55 އަހަރުން މަތީގެ މީހުންގެ އިތުރުން ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުނަށް ޗުއްޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ ވައިރަސްގެ ސަބަބުން އެފަދަ މުވައްޒަފުންނަށް ބޮޑުވަރު ވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރަސްމީ މަސައްކަތު ގަޑި ވެސް ވަނީ ކުޑަކޮށްފަ އެވެ. އެ ކޮމިޝަންގެ ރަސްމީ ގަޑީގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަކަށެވެ.
ކޮވިޑް-19 ރާއްޖޭން ފެނުމާ ގުޅިގެން މި އަންނަ މަހުގެ ހަތަރުވަނަ ދުވަހަށް ފުރަތަމަ ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެއީ ކައުންސިލް އިންތިހާބު ގާނޫނު އޮތް ގޮތުން ފަސްކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އެ ކޮމިޝަނުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުައިދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް ބިދޭސީއަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ ބިދޭސީއަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ ބިދޭސީއަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ ބިދޭސީއެއްގެ އިތުރުން ފުވައްމުލައް ސިޓީ ކައިރީ އޮތް ސަފާރީއެއްގައި ތިބި ދެ ބިދޭސީއަކަށެވެ.