ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

އިންތިހާބު ފަސްކުރުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފި

ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފާސްކުރުމަށް ބޭނުންވާ ހާއްސަ ވަގުތީ ގާނޫނުގެ ބިލު ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވާން ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަކަށް ފަސްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އޭގެ ސަބަބުން ދިމާވާ ކަންކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިންތިހާބު ފަސް ކުރުމުގެ ހާއްސަ ގާނޫނެއް ހުށަހަޅައިފަ އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވަން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ވަކި ގޮތަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލުގައިވާ ގޮތުން ފަސްވެގެން ދާނީ އިންތިހާބުގެ ވޯޓުލުމުގެ ކަންކަމެވެ. އެ އިންތިހާބުގައި ވާދަ ކުރާނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް ބިލުގައި ބުނެ އެވެ. އަދި އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތިލުމުން ގޮނޑި ކަށަވަރުކޮށްފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލު ވާނީ ފަސްކުރެވޭ އިންތިހާބު ބޭއްވުމަށްފަހު އިންތިހާބުވާ މެންބަރުންނާ އެކު ކަމަށް ވެސް ބިލުގައިވެ އެވެ.

އިންތިހާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުންގެ ސަންޕެންޝަން ވެސް އުވި، ކުރިން ތިބި މަގާމަށް ރުޖޫއަވާނެ ކަމަށް ބިލުގައިވެ އެވެ. އެ ހިސާބުން އަލުން އިންތިހާބު ބާއްވަން އިއުލާން ކުރަން ދެން އިންތިހާބާ ގުޅޭ ގޮތުން ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް އެ މީހުން ކުރިއަށް ގެންދިއުން މަނާވާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ. އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރާ ދުވަހުން ފެށިގެން އަލުން ސަސްޕެންޝަން ފެށޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.

މީގެ އިތުރުން އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެވެ.

ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅު ހެއްދެވުން ގާނޫނު އަސާސީ އިސްލާހު ނުކޮށް ވަގުތީ ގާނޫނެއްގެ ގޮތުގައި އެ ކަން ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ބިލެއް ހުށަހެޅުއްވި އެވެ. އެ ބިލު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.