ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ގައިދުރު ކުރުމުގެ އާ އާންމު އާދަކާދަތަކެއް ގެންނަން ޖެހިފައިވާތީ ރާއްޖޭގައި ވެސް އީވޯޓިން ނިޒާމަކުން އިންތިހާބުތައް ބާއްވަން ފަށަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ވަގުތީ ގާނޫނުގެ ބިލަށް ބަހުސް ކުރައްވަމުން މުހައްމަދު އަސްލަމް ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން އާ އާންމު ހާލަތަކާއި އާ އާދަކާދަތަކެއް ދަސްކުރަން ޖެހިފައިވާ ކަމަށެވެ. ސިއްހީ ހިދުމަތްތެރީންގެ ލަފައަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ބައްޔަށް ބޭނުންވާ ވެކްސިނެއްގެ ފަރުވާ ހޯދުމަށް ފަހު ވެސް އެ ގޮތަށް އުޅެން ޖެހޭނެ ކަމަށެވެ.
އެހެންކަމުން މި ދަނޑިވަޅަކީ އެ އާ އާންމު ހާލަތުގެ އާދަކާދަތަކާ އެއް ގޮތަށް އިންތިހާބުގެ ކަންކަން ވެސް ބަދަލު ކުރަންވީ ދަނޑިވަޅު ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ގޮތުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އިންތިހާބުގެ ވޯޓުލުން ގެންދާ ގޮތަށް އީ ވޯޓިންއަށް ރާއްޖޭގެ އިންތިހާބުތަކުގެ ވޯޓު ލުން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދަނޑިވަޅަކީ އަޅުގަނޑުމެންގެ ވޯޓުލާ ގޮތާ ގުޅޭ ގޮތުން ވިސްނާލަން ޖެހޭ ދަނޑިވަޅެއް. އަޅުގަނޑު ދެކެނީ މިއީ އީވޯޓިންއަށް ދާންވީ ވަގުތުހެން މި އައީ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ފަހު ނިއު ނޯމަލްއަށް ދާއިރު ދެން ދާންވީ އީވޯޓިންއަށް ކަމަށް." އަސްލަމް ވިދާޅުވި އެވެ.
އީވޯޓިން ނިޒާމަކަށް ބަދަލު ކުރާއިރު ވޯޓު އޮޅުވާލުމުގެ މަސައްކަތް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔެއްގެ އޮންނަ ކަން ވެސް ގަބޫލު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވީ އެފަދަ އަމަލު ކުރާ މީހުނަށް ހަރުކަށި އަދަބުތަކެއް ދޭން ނިންމައިފިނަމަ އެ ކަމަށް ވެސް ހައްލެއް ގެނެވޭނެ ކަމަށެވެ.
"އަބަދު ވެސް މި އޮންނަނީ ވޯޓު އޮޅުވާލުމުގެ ބިރުވެރިކަން. އެ މީހުނަށް ހަރުކަށި އަދަބުތަކެއް ހަމަޖައްސަންވީ. އެއީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބު ކަމަށް ވިޔަސް، މި ވަގު ހަދާ މީހުނަށް ވަރަށް ހަރުކަށި އަދަބެއް ދޭނަމަ މި ކަމުން އަރައިގަނެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." އަސްލަމް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލުގައި އިސްލާހު ކުރަން ޖެހޭ ކަމަށް އަސްލަމް ދެކެވަޑައިގަންނަވާ ބައެއް ކަންކަން ވެސް ފާހަގަ ކުރެއްވި އެވެ. އެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހަށް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބިލުގައި އޮތަސް އެ ތާރީހަށް ވެސް އިންތިހާބު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.