ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުން ފަސްކޮށްފި

Mar 15, 2020
1

ކޮވިޑް-19 އާ ގުޅިގެން، ގދ. މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުން ފަސްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ވައިރަހާ ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމަޔަށް މާވަރުލު އެއާޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުން ފަސްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގދ. ގައްދޫ ކައިރީގައިވާ މާވަރުލުގައި އެއާޕޯޓެއް ހެދުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް ހިއްސާވާ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެމްޑީޕީގެ ސަރުކާރުން 10 ޖުލައި 2011 ގައެވެ. މާވަރުލު އެއާޕޯޓްގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ސަރުކާރުން މޫވިން އިންޓަނޭޝަނަލްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ރައީސް ޔާމިންގެ ސަރުކާރުން މި އެއާޕޯޓުގެ މަސައްކަތް އަލުން ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެކުންފުންޏަށް އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެއާޕޯޓުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ މަޑުޖެހިފަ އެވެ.

މާވަރުލު އެއާޕޯޓާ ގުޅިފައިވާ އެއަތޮޅުގެ އެތަށް ރައްޔިތުންނެއް ވަނީ އެއާޕޯޓުގެ މަސައްކަތް ދިގުލައިގެން ދިޔުމުގެ ސަބަބުން ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެމްޓީސީސީން ބުނީ އެއާޕޯޓުގެ މަސައްކަތް ނިންމާފައިވަނީ ކަނޑައެޅި ތާރީހަށްވުރެންވެސް އަވަހަށް ކަމަށެވެ.

ރާއްޖޭން މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.