ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފްލައިޓް ޗާޓަރުކޮށްގެން ދިވެހިން ގެންނަން ހުއްދަ ދިނުން މެދުކަނޑާލައިފި

ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން ވަކިވަކި ފަރާތްތަކަށް ޗާޓަރު ފްލައިޓްތައް ބާއްވަން ހުއްދަ ދިނުން ސަރުކާރުން މެދުކަނޑާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދިވެހިން، ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަރަންޓީން ކުރަން ހަމަޖެހިފައިވާތީ އެ މީހުން ގެންނަން ޖެހޭ ހާލަތެއްގައި އެ ކަން ކުރާނީ ސަރުކާރުން ކަނޑައަލާ އުސޫލެއްގެ ތެރެއިން ކަމަށެވެ. އހެެންކަމުން ރާއްޖޭން ބޭރުގައި ތިބި ދިވެހިން ޗާޓަރު ކޮށްގެން ގެނައުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރެ އެވެ. ކަރަންޓީންކޮށް އެކަހެރި ކުރާ ދިވެހިންގެ ހުރުމާއި ކެއިންބުއިމުގެ ހުރިހާ އިންތިޒާމެއް ބަލަހައްޓަނީ ސަރުކާރުންނެވެ. މިހާރު ވެސް ބޭރުން އައި ބައެއް ދިވެހިން ކަރަންޓީނުކޮށްފައިވެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަލުވި ކަމާއެކު ކޮވިޑް-19 ގެ ބަލި ފެތުރެމުންދާއިރު، އެނބުރި ރާއްޖެ އަންނަން ބޭނުންވާ ވަރަށް ގިނަ ދިވެހިން އެބަ ތިއްބެވެ. އެކަމަކު ދިވެހިން އެންމެ ގިނައިން އުޅެމުންދާ ސްރީލަންކާ އާއި އިންޑިއާގައި ވެސް ކާފިއު އިއުލާންކޮށް ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލާފައިވެ އެވެ. އެ ގައުމުތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ ނާދެވި އެ ގައުމުތަކުގައި ތާށިވެފައި އެބަ ތިއްބެވެ.

ރާއްޖޭން މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން އަށް މީހަކު މިހާތަނަށް ރަނގަޅު ކުރެވިފައިވެ އެވެ. އެ ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހަކާއި، އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ދެ މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

ރާއްޖޭން ވެސް ވަނީ މިއަދުން ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި، ރާއްޖެއަށް ޓޫރިސްޓުން އައުން މަނާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ތައުލީމު ދޭ މަރުކަޒުތައް ބަންދުކޮށްފަ އެވެ. ރިސޯޓުތަކުން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް ދިއުން ވެސް މަނާކޮށްފައިވާއިރު ރާއްޖެއަށް ސަފާރީ އާއި ޔޮޓް މެރީނާ އައުން ވެސް އޮތީ މަނާކޮށްފަ އެވެ.