ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރި ފިޔަވަޅެއް އެޅުމުގެ ގޮތުން ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން މެދުކަނޑާލައިފި އެވެ.
ދުނިޔޭގައި ފެތުރެމުންދާ، ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފަ އެވެ. އަދި، ސަރުކާރުން ދަނީ ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންގުމަށް ފެމިލީ ކޯޓުން މިހާރު ވަނީ ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް މެދުކަނޑާލައި ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑިތަކުގައިވެސް ކައިވެނި ކޮށް ނުދޭން ނިންމފަ އެވެ.
އެހެންނަމަވެސް، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ކަމުގެ ލިޔުން މިހާރު ދޫކޮށްފައިވާ ތިބި ފަރާތްތަކުން އެދޭ ނަމަ، އެ ކައިވެނިތައް ކޮށްދެ އެވެ.
މީގެ އިތުރުން، ކައިވެނި ކުރާ މަޖިލީހުގައި މީހުން މަދު ކުރުމަށް، ހާޒިރުވާން ޖެހޭ މީހުން ފިޔަވާ އިތުރު މީހުންނަށް ނުވަދެވޭ ގޮތް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި، ކައިވެނީގެ ކުރިން ފެމިލީ ކޯޓުން ކުރިއަށްގެންދާ ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްވެސް ވަނީ މެދުކަނޑާލާފަ އެވެ.
ހަމައެއާއެކު، ގޭގެއަށް ގޮސް ހަދަންޖެހޭ އެސެސްމަންޓްތައް ކޮންމެހެން ކުރިއަށްގެންދަން ޖެހޭ ހާލަތެއް ނޫން ނަމަ 14 ދުވަހަށް ފަސް ކުރުމާއި ސުލްހައިގެ މަޖިލިސްތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. އެކަމަކު، ތިން މަސް ހަމަވާ މައްސަލަތަކާއި ގެވެށި އަނިޔާގެ މަައްސަލަތަކުގައި ސުލްހައިގެ މަޖިިލިސް ކުރިއަށް ގެންދާނެ ކަމަށް ފެމިލީ ކޯޓުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރަން ނިންމާފައިވަނީ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
ރާއްޖޭން މިހާތަނަށް 13 ބިދޭސީއަކު އެ ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.