ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑައިރެކްޓް ކޮންޓެކްޓްވި މީހާ ހުރީ ހުޅުމާލޭގައި

އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ އެންމެފަހުން ހުރީ ހުޅުމާލޭގައި ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. އޭނާ މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރިކޮށްފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުގައި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ދިވެހި މީހާ ކޮވިޑް-19 އަށް ޓެސްޓް ކުރަމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ޓެސްޓްތައް ކުރަނީ ފަރުކޮޅުފުށީގައި ބަހައްޓައިގެންނެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ ހުރީ އަނަންތަރާ ދިގު ރިސޯޓަކު ނޫނެވެ. ކޮންޓެކްޓް ޓްރޭސިންއިން އޭނާ ފާހަގަކުރެވުނުއިރު އޭނާ ހުރީ ހުޅުމާލޭގައި ކަމަށެވެ.

އެހެންވެ، އޭނާއާ ކޮންޓެކްޓްވި މީހުން ވެސް ފާހަގަ ކުރަމުންދާ ކަމަށް މަބުރޫކު އަޒީޒު ވިދާޅުވި އެވެ.

އަނަންތަރާ ދިގު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބިދޭސީ ދެމަފިރިއަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެމީހުން ވެސް މިހާރު ތިބީ ފަރުކޮޅުފުށީގަ އެވެ. އަނަންތަރާ ދިގު ރިސޯޓްގައި ވެސް ބަޔަކު އެކަހެރިކޮށްފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.