ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަފާރީން ޕޮޒިޓިވްވި މީހުން ލ. އަތޮޅަށް ގެންދަނީ

Mar 15, 2020
6

އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުން މިވަގުތަށް ލ. އަތޮޅަށް ގެންދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. އެ ސަފާރީ އޮތީ ފުވައްމުލައް ސިޓީ ކައިރީގަ އެވެ. ޕޮޒިޓިވްވި ދެ މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ނުބުނެ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި އައިލެންޑް ސަފާރީ އުޅަނދު މިހާރު ދަނީ ލ. އަތޮޅަށް ދަތުރު ކުރަމުންނެވެ. އެ ސަފާރީގައި ޕޮޒިޓިވްވެފައިވާ ދެ މީހުން މިވަގުތަށް ލ. އަތޮޅަށް ގެންދިޔަ ނަމަވެސް އެމީހުން ފަރުކޮޅުފުއްޓަށް ގެންނަންޖެހޭތޯ މިހާރު ޑޮކްޓަރުން ބަލަމުންދާ ކަމަށެވެ.

އައިލެންޑް ސަފާރީ ކަރަންޓީނުގެ ހާލަތަށް ގެނެސް އޭގައި ތިބި އެހެން މީހުންނާއެކު ސަފާރީ މާލެ އަންނާނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު ވިދާޅުވީ އެ ސަފާރީ ފުވައްމުލައް ކައިރީގައި އޮތްއިރު، އެ ސިޓީއަށް ސަފާރީއިން ޓޫރިސްޓުން ފޭބިތޯ ބަލައި ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށެވެ. އޭގެއިތުރުން ސަފާރީއަށް ތެޔޮ އެޅުމަށް ގއ. ވިލިނގިލީއަށް ދިޔަ ކަމަށާއި ނަމަވެސް އެ ސަފާރީގެ އެއްވެސް މީހަކު އެ ރަށަށް ފައިބާފައިނުވާކަން ފުލުހުން ޔަގީންކޮށްދީފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.