ކޮވިޑް-19 އިގެ ބަލާއާފާތުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ހުއްޓުމެއް އަޔަ ނުދީ މުވައްޒަފުން ރައްކާތެރި ކުރުމަށްޓަކައި އައިލެންޑް އޭވިއޭޝަން ސާވިއަސް (އައިއޭއެސް) ގެ މުވައްޒަފުން ގްރޫޕް ތަކަކަށް ބަހާލައިގެން ވަޒީފާ އަށް ނުކުންނަން ފަށައިފި އެވެ.
އައިއޭއެސްގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރަކަށް މުސާ ވަސީމް ވިދާޅުވި ގޮތުގައި މި ފިޔަވަޅު އެޅީ އެންމެ ނުރައްކާ ހާލަތަށް ވެސް ބެލުމަށްފަހު މުވައްޒަފުންނާއި ކުންފުނީގެ ހިދުމަތް ހުއްޓިގެން ދިޔަ ނުދިނުމަށް ކަމަށެވެ. މި ބަދަލާއެކު އޮންލައިންކޮށް ހިދުމަތް ދޭ ގޮތަށް "ސްޓޭންޑްބައިގައި" ގޭގައި މަސައްކަތް ކުރަން ވެސް ޓީމެއް ތިބޭނެ ކަމަށެވެ.
"ބަލި މީހުން ގެނައުމުގައި ވެސް އެންމެ އިސްކޮށް އަޅުގަނޑުމެން ހަރަކާތެރިވަމުން މިދަނީ. އައިލެންޑް އޭވިއޭޝަންގައި ވަރަށް ގިނަ ޓެކްނިކަލް މީހުން މަސައްކަތް ކުރޭ. އެހެންވެ، އެއް މުވައްޒަފަކު ބަލިވާ ހާލަތުގައި އެންމެން ބަލި ވެގެން ދިއުމުގެ ފުރުސަތު ކުޑަ ކުރަން މި ފިޔަވަޅު އެޅީ،" ވަސީމް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަން އިން މިއަދުން ފެށިގެން ގެނައި ބަދަލާއެކު އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ ގްރޫޕް ތަކަކަށް ބަހާލާފަ އެވެ. މީގެ ތެރެއިން ކޮންމެ ގްރޫޕެއް ވެސް މަސައްކަތް ކުރަން ނުކުންނާނީ ހަފުތާއަކު ތިން ދުވަހު އެވެ. އަދި ހަފުތާގެ އަނެއް ދެ ދުވަހު މުވައްޒަފުން ތިބޭނީ "ސްޓޭންޑްބައި" ޑިއުޓީއެއްގަ އެވެ.
މި ބަދަލު ގެނައި ނަމަވެސް އެ ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތް ކުޑަ ނުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައިލެންޑް އޭވިއޭޝަން އިން ވަނީ ހިދުމަތް ދޭ ގަޑިތަކަށް ވެސް ބަދަލު ގެނެސްފަ އެވެ.
ޓިކެޓު އޮފީސް އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޓިކެޓް އޮފީސް ބަންދު ވާނެ އެވެ. އަދި ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމްގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހިދުމަތް ލިބޭނީ މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ރޯގާ ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. މި ހުރިހާ މީހުންނަކީ ވެސް ބިދޭސީންނެވެ.