ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޝެރަޓަންގެ ދެ މީހުން ނެގަޓިވް، ރިސޯޓު ހުޅުވައިފި

Mar 16, 2020

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޝެރަޓަން އައިލެންޑް ރިސޯޓުން ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ ދެ ނަތީޖާ ނެގެޓިވްވެފައި ވާތީ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތުން ނަގައި ރަށް ހުޅުވާލާފަ އެވެ.

މިއަދު ވަނީ މީރު އައިލެންޑް ރިސޯޓް ވެސް ހުޅުވާލާފަ އެވެ. އެ ރިސޯޓް ހުޅުވާލީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެ ރިސޯޓުން ޓެސްޓްކުރި 12 މީހުންގެ ވެސް ނަތީޖާ ނެގަޓިވްވެފައި ވާތީ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހެކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާ ކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.