ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގައި ކޮވިޑް-19 ފެތުރޭ ދަރަޖަ މަތިކޮށްފި

Mar 16, 2020

ކޮލޮމްބޯ (މާޗް 16) - ސްރީލަންކާގައި ކޮވިޑް-19 ފެތުރޭ ދަރަޖަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން މަތިކުރުމާއެކު، އެ ބައްޔާ ދެކޮޅަށް އެ ގައުމުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އަށް މީހުން ފެނިފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19 އަށް އަރައިފަ އެވެ.

އޭގެ ތެރޭގައި، ބަލި ޖެހިފައިވާ ފަތުރުވެރިޔެއްގެ ކިބައިން ވައިރަސް އެރި މީހެއްގެ އަންހެން ދަރިފުޅުވެސް ހިމެނެ އެވެ.

އެ ޒުވާން އަންހެން ކުއްޖާއަށް ބަލި ޖެހުމާއެކު، ލަންކާގައި މިހާރު ކޮމިޔުނިޓީ ޓްރާންސްމިޝަން ކުރިމަތިވެފައިވާކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

އޭގެ މާނައަކީ، ބަލި ޖެހިފައިވާ މީހަކާ ސީދާ ގުޅުމެއް ނުވަތަ ކޮންޓެކްޓެއްނެތް މީހަކަށް އެ ބަލި ފެތުރިގެންދާ ހާލަތެކެވެ.

އެކަމާއެކު ލަންކާ ސަރުކާރުން ވަނީ ޔޫކޭ، ބެލްޖިއަމް އަދި ނޯވޭ އިން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެ ތިން ގައުމުގެ އިތުރުން، ލަންކާ ސަރުކާރުން މީގެ ކުރިން ވަނީ ފްރާންސް، ސްޕެއިން، ޖަރުމަނު، ސްވިޓްޒަލެންޑް، ޑެންމާކް، ނެދާލެންޑްސް، ސްވީޑަން އަދި އޮސްޓްރިއާ އިން މީހުން އެތެރެވުން މަނާކޮށްފަ އެވެ.

އަދި އެއްވެސް ގައުމަކުން އަންނަ މީހަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވެސް ލަންކާ އިން ވަނީ މެދުކަނޑާލައިފަ އެވެ.

އޭގެ އިތުރުން، ގައުމުން ބޭރުގައި މިވަގުތު ތިބި ރައްޔިތުން، އެނބުރި ލަންކާއަށް އައުން މަޑުޖައްސާލުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށް ލަންކާ ސަރުކާރުން މިހާރުވެސް ވަނީ ސްކޫލްތަކާއި، ޔުނިވާސީޓީތަކާއި، ޒޫތަކާއި، އަދި ސިނެމާތައްވެސް ބަންދުކޮށްފަ އެވެ.