ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19 އަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ނަޝީދުގެ ތައުރީފު

ރާއްޖޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނުމާ ގުޅިގެން ސަރުކާރުން އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ވައިރަސްއާ ގުޅުގެން ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ދެނެގަތުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި އާންމު ކޮމިޓީ ގުޅިގެން ރޭ ބޭއްވި ބައްދަލުވުމުގައި އޭގެ މައުލޫމާތު އެމަނިކުފާނު ހޯއްދެވި ކަމަށެވެ.

ރޭ ބޭއްވި އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫ ބަކުރު އާއި އެ އެޖެންސީގެ ބައެއް ސްޕެޝަލިސްޓުންނާއި ނޭޝަނަލް ޑިޒާސްޓޭ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް ހިސާން ހަސަން އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރުވިންދު މާތުރު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮވިޑް-19 ރޯގާ ފެތުރުމާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލި ސާވޭއާ ހަވާލާ ދެއްވާ ނަޝީދު ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރާނެ ގޮތުގެ ތިން ސިނާރިއޯއެއް އޭގައި ހިމެނޭ ކަމަށާއި އަދި މިހާރު އަަމަލުކުރާ ގޮތުގެ ބަދަލުގައި، އަނެއް ދެ ސިނާރިއޯގައި ވެސް އޮތީ ކުއްލިއަކަށް ވަރަށް ބާރަށް ބަލި ފެތުރިދާނެ ހާލަތެއްގައި ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ތިން ހާލަތަށް ވެސް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތައް ވަރުގަދަ ކަމަށް އެމަނިިކުފާނު ވިދާޅާުވި އެވެ.

"އަޅުގަނޑުމެނަށް ފެނުނީ ރޭގައި ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށް. ސަރުކާރުން މިހާރު އެ ގެންނަވާ ކޮންޓްރޯލްތަކަކީ ސަރުކާރުން އަންދާޒާ ކުރާ މިންވަރަކަށް މި ކަން ދާނެ ކަމަށް ދެކި، އެ ކަމަށް ތައްޔާރުވެ ތިބެ ގެންނަވާ ކޮންޓްރޯލްތައް. ވަރަށް ހަރުކަށި ފިޔަޅުތަކެއް އަޅައިފިއްޔާ ބަލި ކުއްލިއަކަށް އަރައިގެންދާ މިންވަރު ދަށް ކުރެވިދާނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކަށް ރައީސް ނަޝީދު މިއަދު ތައުރީފު ކުރެއްވިއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ އެ ރޯގާއާ ގުޅިގެން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމުންނާއި ބައެއް އެއްވުންތައް ހިފެހެއްޓުމާ ގުޅިގެން ނަޝިދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މިހާތަނަށް އެ ވައިރަސްއަށް ޕޮޒިޓިވް ދިވެއްސަކު ނުފެނެ އެވެ.

ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެެރެއިން އެންމެ މީހެއް ފިޔަވައި އެންމެންގެ ހާލު ވެސް އަދި ރަނގަޅެވެ. ބައްޔަށް ޕޮޒިޓިވްވެ ހާލު ބޮޑުވި 70 އަހަރުގެ ޓޫރިސްޓު މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ހާއްސަ ޔުނިޓުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ވެސް ސްޓޭބަލް ކަމަށް އެޗްޕީއޭއިން ރޭ ބުންޏެވެ.