ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19: މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ އުނިކުރަނީ

ދުނިޔޭގައި ފެތެރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދިވެހި އިގްތިސޯދަށް އަންނާނެ ލޮޅުންތަކުން އަރައިގަތުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނި ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ސިޓީގައި މިނިސްޓަރު އެދިވަޑައިގެންފައި ވަނީ މަޖިލީހުގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނި ކޮށްދޭން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ހަރަދުތަކުން 19.3 މިލިއަން ރުފިޔާ އުނިކޮށް ދެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ މިހާރުގެ އެކައުންޓުތައް ބައްލަވައިގެން އެ އަދަދަށް ފައިސާ އުނި ކުރެވޭނެ ބައިތައް ހޯއްދަވައި ދެއްވުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އަރިހު އެދިވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން މުޅި އަހަރުގެ ބަޖެޓުގެ ތެރެއިން 19.3 މިލިއަން ރުފިޔާ ކުޑަކޮށް ދެވިދާނެ ކަމަށް ވެސް މިނިސްޓަރު އެދިވަޑައިގެންފައިވާތީ ކުރިއަށް އޮތް ތަނުގައި އެ ހަރަދު ކުޑަކޮށްފައި މިނިސްޓްރީއަށް ދެވޭނެ ގޮތް ވެސް ހަމަޖެއްސޭނެ ކަމަށް އެމަނިފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ މިއީ މަޖިލީހަށް ނުކޮށްދެވޭނެ ވަރުގެ ކަމެއް ނޫން، މަޖިލީހުގެ ނައިބު ރައީސްގެ ކިބައިން ވެސް އަޅުގަނޑު އެދިފައިވާނެ، އެ ރުފިޔާ އުނި ކުރެވޭނެ ބައިތައް ހޯއްދަވައި ދެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންތަކަކާއި ބިދޭސީންތަކެއްގެ އިތުރުން ސަފަރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މިކަމާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ.

ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބައެއް ގައުމުތަކުން މީހުން އައުމުން ވެސް ވަނީ މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ދައުލަތަށް ބޭރުގެ ފައިސާ އިން ލިބޭނެ 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.