ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޖީއެމްއެޗްގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

Mar 16, 2020
1

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ރާއްޖޭން ވެސް ފެނިފައިވާއިރު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ވަދެ ނުކުތުމަށް ބޭނުންކުރާ ދޮރުތަކަށް މާދަމާ އިން ފެށިގެން ބަދަލު ގެނައުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން އެ ހޮސްޕިޓަލުގެ އިމެޖެންސީއަށް ދާ މީހުން ވަނަން ޖެހޭނީ އެމެޖެންސީ ޕޯޓިކޯގައި ހުންނަ މައި ޓްރިއާޖަށް ކަމަށެވެ.

އެތަނުން ޓްރިއާޖު ކުރުމަށްފަހު އެމީހެއްގެ ސިއްހީ ހާލަތަށް ބަލައި، ފަރުވާ ދޭން ދެން އަމަލުކުރަންޖެހޭ ގޮތެއްގެ އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އެމެޖެންސީ ރޫމަށް ވަންނަން އާއްމުކޮށް ބޭނުންކުރާ ކޮރިޑޯ މިހާރު ވަނީ ބަންދު ކޮށްފަ އެވެ.

މި ބަދަލާއެކު، ވޯޑުތަކަށާއި، ކާޑިއެކް ސެންޓަރަށް ދާން ބޭނުންވާ މީހުން ވަންނަން ޖެހޭނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދޮރޯށިންނެވެ. ލެބޯޓަރީއަށް ދެވޭނީ ކަނބާ އައިސަރާނި ހިނގުމުން ވަދެވޭ ދޮރޯށިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އައިޖީއެމްއެޗުން މީގެ ކުރިން ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް ޒިޔާރާތް ނުކުރެވޭ ގޮތަށް ހަދާފަ އެވެ.

އަދި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ، މި ދުވަސްވަރު ހޮސްޕިޓަލަށް ޒިޔާރާތް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.