ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮންމެ ދަތުރަކަށްފަހު އެމްބިޔުލަންސް ޑިސްއިންފެކްޓު ކުރަންޖެހޭ: އައިޖީއެމްއެޗް

May 2, 2020
1

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، އެމްބިޔުލަންސަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން އެހެން ވެހިކަލްތައް ދުއްވުން މަނާވެފައިވާތީ، އާއްމުކޮށް ހޮސްޕިޓަލަށް ދާންޖެހޭ މީހުންވެސް އެމްބިޔުލަންސްގެ ހިދުމަތް ހޯދަންޖެހުމުގެ ސަބަބުން ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"ކުރިން ނަމަ ޓެކްސީއަކަށް އަރައިގެންވެސް ހޮސްޕިޓަލަށް ދެވޭނެ. އެކަމަކު މިހާރު ޑަޔަލިސިސް ފަދަ ފަރުވާ ހޯއްދަވާ ބޭފުޅުންވެސް ހޮސްޕިޓަލަށް ދާން އެމްބިޔުލަންސްގެ ހިދުމަތް ހޯއްދަވަން މިޖެހެނީ،" އެމްބިއުލަންސް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން ދިއުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި މިވަގުތު ޖުމްލަ ފަސް އެމްބިއުލަންސް އޮޕަރޭޓު ކުރާއިރު، މިހާރު މާލެ ސަރަހައްދުގައި އޮތް ކޮވިޑް-19 އިގެ ހާލަތުން، އެމްބިއުލަންސަށް އެރުވޭ ކޮންމެ ބަލި މީހަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއްގެ ގޮތުގައި ބަލައިގެން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ. އެގޮތުން، އުފުލޭ ޕޭޝަންޓުގެ ސިއްހީ ހާލު ކަށަވަރުނުކުރެވޭނެތީ، ކޮންމެ ދަތުރަކަށްފަހު މުޅި އެމްބިއުލަންސް ޑިސްއިންފެކްޓު ކުރަންޖެހޭކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގުޅައިގެން އެމްބިއުލަންސެއް ހުސްކޮށް އޮތިއްޔާ ނުފޮނުވައެއް ނުހުންނާނެ. ނަމަވެސް، މި ދެންނެވި ކަންތައްތަކާ ގުޅިގެން ތާއްޓެއް އައިސްދާނެ. ދެން އެވަގުތު އެމްބިއުލަންސެއް ހުސްކޮށް ނެތިއްޔާ ނުވާނެ. ނެތް އެއްޗެއް އަޅުގަނޑުމެނަކަށް ނުފޮނުވޭނެ،" ޑރ. ނަޒީމް ވިދާޅުވި އެވެ.

ނަމަވެސް، އެމްބިއުލަންސްގެ ހިދުމަތްވެސް އިތުރަށް ރަނގަޅުކޮށް، މިހާރަށް ވުރެ އަވަހަށް ރެސްޕޮންޑު ކުރެވޭނެ ގޮތްތައް ބަލަމުން އަންނަކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.