ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސްޓާފުންގެ ހަރަދު ހަމަޖައްސަނީ މެނޭޖްމަންޓުން: ޓްރީޓޮޕް

May 9, 2020

ކޮވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރަމުންދާއިރު، މުވައްޒަފުންގެ މުސާރަ އާއި އެހެނެހިން އިނާޔަތްތައް ދެމުންގެންދާނީ މެނޭޖްމަންޓުންކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެންއީއޯސީގައި އައިޖީއެމްއެޗް އާއި ޓްރީޓޮޕް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީއެއްގެ ގޮތުގައި ޓްރީޓޮޕް ބޭނުންކުރުމަށް ސަރުކާރާއެކު ވެވިފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން، ޓްރީޓޮޕްގެ ސީއީއޯ ޑރ. ޑޭވިޑް ފައިންބާގު ވިދާޅުވީ މުވައްޒަފުންގެ މުސާރަ އާއި އެހެނެހިން އިނާޔަތްތަކަށް ގާތްގަނޑަކަށް މަހަކު 20 މިލިއަން ރުފިޔާ ހަރުދުވާއިރު، ކޮވިޑް-19 އިގެ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ތިން މަސް ދުވަހުގެ މުއްދަތުގައި، އެ ހަރަދު ހަމަޖައްސާނީ މެނޭޖުމަންޓުގެ ފަރާތުން ކަމަށެވެ. މިކަމާ ގުޅިގެން، މިހާރު މުވައްޒަފުންނަށްދޭ މުސާރައިގެ އިތުރުން، މުސާރައިގެ އިތުރު 10 ޕަސަންޓް ރިސްކު އެލަވަންސެއް ދޭނެކަމަށް އޭނާ ހަމަކުރެއްވި އެވެ.

"އަދި މިކަމުގެ ތެރެއިން މުވައްޒަފެއްގެ ފުރާނަ ގެއްލިގެންދާ ހާލަތެއްގައި، އާއިލާއަށް މާލީ އެހީތެރިކަމެއް ދިނުމުގެ ސްކީމެއްވެސް ވަނީ އެކުލަވާލެވިފައި،" ސަލާމާއި ޗުއްޓީ އަށް ވެސް ހާލަތާ ގުޅޭ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވަމުން ފައިންބާގު ވިދާޅުވި އެވެ.

ހަތަރު ފިޔަވައްސެއްގެ ދަށުން ބަހާލައިގެން ޓްރީޓޮޕްގެ ވަސީލަތްތައް ބޭނުންކުރާއިރު، ސަރުކާރުގެ ފަރާތުން ހަމަޖައްސަން އެއްބަސްވެފައިވަނީ، ތަނުގެ ކަރަންޓާއި، ފެނުގެ އިތުރުން ކޮވިޑް-19 އިގެ ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް ފަދަ ތަކެތި ކަމަށް ފައިންބާގު ވިދާޅުވި އެވެ. އަދި މުޖުތަމައު ތެރޭގައި ބަލި އިތުރަށް ފެތުރި، މީހުން އެޑްމިޓު ކުރަންޖެހޭ ހާލަތެއްގެ ދަށުން، ޓްރީޓޮޕްގެ އިތުރު ބެޑުތައް ބޭނުންކުރާ ހާލަތެއްގައި، އެކަމަށް ބޭނުންވާ އިތުރު އާލަތްތަކާއި ސްޓާފުން ސަރުކާރުން ހަމަޖެއްސުމަށް އެ އެއްބަސްވުމުގައި ހިމެނޭކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ޓްރީޓޮޕް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ފުރަތަމަ ފޭސްގައި ބޭނުންކުރާނީ، އައިސީޔޫ 15 ބެޑާއި އަދި 30 ޖެނެރަލް ބެޑެވެ. އެގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން، އެޑްމިޓް ކުރެވޭ ބަލި މީހުނަށް ފަރުވާ ދިނުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާނީ ޓްރީޓޮޕްގެ ސްޓާފުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ ޓްރީޓޮޕްގެ ފުލް ކެޕޭސިޓީ ބޭނުންކުރަންޖެހޭ ހާލަތެއްގައި، އައިޖީއެމްއެޗުން ޑޮކްޓަރުންނާއި ނަރުހުން ޓްރީޓޮޕަށް ބަދަލުކުރެވޭނެ ކަމަށެވެ. އެގޮތުން، ގާތްގަނޑަކަށް 75 ޑޮކްޓަރުންނާއި 300 ވަރަކަށް ނަރުހުން، ޓްރީޓޮޕަށް ބަދަލުކުރެވިގެންދާނެކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.

މިދިއަ ބުދަ ދުވަހުން ފެށިގެން، ކޮވިޑް-19 އިގެ ފެސިލިޓީއެއްގެ ގޮތުގައި ޓްރީޓޮޕް ބޭނުންކުރަން ފަށާފައިވާއިރު، އެތަނުގައި މިހާރުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ފަސް މީހަކަށް ފަރުވާދެވެމުން އަންނަ ކަމަށް ޑރ. ނަޒީމް ވިދާޅުވި އެވެ.