ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ހުށަޙަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކޮށް ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ކޮމިޓީތަކުގެ އެލަވަންސްއާއި މުސާރައާއެކު މަޖިލީހުގެ މެންބަރަކަށް 80،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެ މުސާރައިން 20 ޕަސެންޓް އުނިކުރާނަމަ މެންބަރެއްގެ މުސާރައިން ގާތްގަނޑަށް 16،000 ރުފިޔާ އުނިވާނެ އެވެ. އޭރުން މެންބަރުންގެ މުސާރައަށް ދައުލަތުން ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ސަލާމަތް ވާނެ އެވެ.

ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން މަޖިލީހުގެ އިދާރާގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނިކޮށްދިނުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެ ގޮތަށް ހަރަދު އުނި ކުރެވެން ހުރި ބައިތައް ބަލަމުން ގެންދާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންތަކަކާއި ބިދޭސީންތަކެއްގެ އިތުރުން ސަފަރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މިކަމާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ.

ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބައެއް ގައުމުތަކުން މީހުން އައުމުން ވެސް ވަނީ މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ދައުލަތަށް ބޭރުގެ ފައިސާ އިން ލިބޭނެ 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.