ހަބަރު

މަތީ ތައުލީމުގެ ބިލަށް މިނިސްޓްރީން އާއްމުންގެ ހިޔާލު ހޯދަނީ

ރާއްޖޭގެ މަތީ ތައުލީމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލަށް ހިޔާލު ހޯދަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އަދި ބިލަށް ހިޔާލު ހޯދަން އާއްމުންނަށް ހުޅުވާލާފައިވާއިރު، ވަކި ބައިތަކަށް ވެސް ހިޔާލު ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހަޅުއްވާފައިވާ އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފައިވާއިރު، ބިލު އަދި އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ. ބިލެއް ދިރާސާކުރަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވުން އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ވެސް އިއުލާން ކުރެ އެވެ.

މަތީ ތައުލީމުގެ ބިލެއްގެ މަގްސަދަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ވީހާ ވެސް ގިނަ މީހުނަށް ލިބޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމާއި މަތީ ތައުލީމު ދޭ ފަރާތްތަކަށް އޮތުމެވެ. އަދި މި ދާއިރާގައި ޝާމިލުވާން ބޭނުންވާ ފަރާތްތަކަށް ގާނޫނެއްގެ ތެރެއިން މަގުފަހިވެފައި އޮތުމާއި އަދި މި ފަދަ ތަންތަނުން ދޭ މަތީ ތައުލީމާއި ތަމްރީނަކީ ވަކި މިންގަނޑުތަކަކަށް ގިންތި ކުރެވި ފެންވަރު ކަށަވަރު ކުރެވިފައި އޮތުމެވެ.

މަތީ ތައުލީމާއި ބެހޭ ބިލެއް ގާނޫނަކަށް ވެގެން އައުމުން ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެ ފެންވަރު ރަނގަޅުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، ބިލު ފާސްވެގެން ގާނޫނަކަށް ވުމުން ނަތީޖާ އަކަށް ވެގެންދާނީ ރައްޔިތުންނަށް ރާއްޖޭގައި ލިބޭ ތައުލީމާއި ތަމްރީނުގެ ފެންވަރާ މެދު ކަށަވަރުކަން އުފެދި ޔަގީންކަން އިތުރުވެގެން ދިއުން ކަމަށްވެސް އެ މިނިސްޓްރީން ދެކޭ ކަމަށް ބުންޏެވެ.