ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބައެއް ރަށްރަށުގައި ބޮޑުދުމާ ހިނގާތީ އެކަން ނުކުރަން އަންގައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން ބައެއް ރަށްރަށުގައި "ބޮޑުދުމާ ހިންގުން" ފަދަ ކަންކަން ކުރިއަށްދާ ކަމަށާއި އެ ކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ލޯކަލް ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ސަލާމަތް ވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިންސުރެ ސަގާފީ ގޮތުން ކުރަމުން އަންނަ ކަމެއް ކަމުގައިވާ "ބޮޑުދުމާ ހިންގުން" ނުވަތަ ޖަމާއަތެއްގައި މީހުން ތަކުބީރު ކިޔަމުން ހިނގަމުން އަންނަ ކަމަން މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެއީ އިސްލާމް ދީނުގައި އޮންނަ ކަމެއް ކަން ޤުރްއާނުންނާިއ ސުންނަތުން ސާބިތުވެފައި ނުވާ ކަމަކަށް ވާތީ އާއި މިފަދަ ހާލަތެއްގައި އެއްވެ އުޅެން ރައްކާތެރި ނުވާތީ އެ ކަން އެ ގޮތަށް ނުކުރުމަށް މިނިސްޓްރީން ނަސޭހަތްތެރިވާ ކަމަށެވެ.

"ކޮންމެ ބޭފުޅަކު ވެސް ފަރުޟު ނަމާދު ގާއިމު ކުރުމަށާއި ދީީނީ ކަންކަމަށް އިސްކަން ދެއްވައި ސިއްހީ ދާއިރާތަކުން އަންގަވާ ގޮތަށް އަމަލުތައް ބަހައްޓަވައި މި ނުރައްކާތެރި ވަބާއިން ރައްކާތެރިކަން ދެއްވުން އެދި ﷲ އަށް ހަޟާރަތުގައި ދުއާ ދަންނަވަމުން ގެންދެވުމަށް ދަންނަވަމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންތަކަކާއި ބިދޭސީންތަކެއްގެ އިތުރުން ސަފަރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މިކަމާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ.

އެ ގޮތުން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓެލްތަކަށް ޓޫރިސްޓުން ގެނައުން ވަނީ މަނާކޮށްފަ އެވެ. ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި މަތީ ތައުލީމް ދޭ ހުރިހާ މަރުކަޒެއް އަދި ސްކޫލްތައް ވެސް ވަނީ ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މާލެ ސަރަހައްދުގެ ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ބަންދުކުރަން ވެސް ވަނީ އަންގައިފަ އެވެ.