ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ދެ ހަފްތާއަށް މެލޭޝިއާ ލޮކްޑައުން ކުރަނީ

Mar 16, 2020

ކުއަލަ ލަމްޕޫރު (މާޗް 16) - ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، ބުދަ ދުވަހުން ފެށިގެން މުޅި މެލޭޝިއާ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން އިއުލާނުކޮށްފި އެވެ.

މެލޭގެ ބޮޑުވަޒީރު މުހިއްދީނު ޔާސީން ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ ފަރާތުން މާޗް 18 އިން ފެށިގެން މާޗް 31 އާ ހަމައަށް މޫވްމަންޓް އޯޑާ ކޮންޓްރޯލް ތަންފީޒު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުގެ ދަށުން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވައި، އެހެން ހުރިހާ ތަންތަނެއް ބަންދުކުރަން ވަނީ އަންގައިފަ އެވެ.

"ހާލަތު އިތުރަށް ގޯސްވަންދެން މަޑުކުރެވޭކަށް ނެތް. މީހުންގެ މޫވްމަންޓްތައް ކޮންޓްރޯލްކޮށްގެން މެނުވީ، މި ބަލި ފެތުރުން ނުހުއްޓުވޭނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ހުކުރު ނަމާދުގެ އިތުރުން މެލޭގެ މިސްކިތެއްގައި އެއްވެސް ދީނީ ހަރާކާތެއް ހިންގުންވެސް ވަނީ މަނާކޮށްފަ އެވެ.

އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ފިޔަވައި، ސަރުކާރާއި އަމިއްލަ ހުރިހާ ކުންފުނިތަކެއް ބަންދުކުރަންވެސް ވަނީ އަންގައިފަ އެވެ.

މެލޭޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 553 އަށް އަރައިފަ އެވެ. މިއަދު އެކަނި ވެސް އެ ވައިރަހަށް 125 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 95 މީހުންނަކީ ކުއަލަލަންޕޫރުގައި ހުރި މިސްކިތެއްގައި ބޭއްވި ހަރަކާތަކުން ބަލި ޖެހުނު މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.