ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޮފްބީޓް

ވައިރަސް ހުރިކަމަށް ބުނުމުން ބޯޓުން ބާލައި ހައްޔަރުކޮށްފި

Mar 17, 2020

އެމެރިކާގެ ޑެލަސް އިން ނެޝްވީލް އަށް ދަތުރުކުރި އެމެރިކަން އެއާލައިންގެ މަތިންދާބޯޓަކަށް އެރި ފަސިންޖަރަކު ސަމާސާއަކަށް އޭނާގެ ގައިގައި ކޮރޯނާވައިރަސް ހުރި ކަމަށް ބުނުމުން އޭނާ އެ ބޯޓުން ވަގުތުން ބާލައި ހައްޔަރު ކޮށްފި އެވެ. އަދި އޭނާގެ ސަބަބުން ބޯޓު ފުރުން އަށް ގަޑިއިރު ލަސްވި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭގަނޑު 7.00 ގައި ފުރަން އޮތް ފްލައިޓް ފުރުނުއިރު ހުރީ ދަންވަރު 3.00 އަށް ވުރެ ވެސް ލަސްވެފަ އެވެ.

ފްލައިޓް އެޓެންޑެންޓް އެނީ ސްމިތު ބުނި ގޮތުގައި ޖެރްޖީ ނަމަކަށް ކިޔާ މި މީހާ ކައިރީގައި ބޯޓު ޓޭކްއޯފް ކުރަން ތައްޔާރުވާތީ ޓްރޭ ޓޭބަލް މައްޗަށް ނަގަން ވަރަށް ގިނަ ފަހަރަށް އޭނާ ބުންޏެވެ. އެގޮތަށް އޭނާ ކައިރީގައި އެހެން އެ ވާހަކަ ދައްކަމުން ދަނިކޮށް އޭނާ ބޭސް ކާން ޖެހޭ ކަމަށް ބުނެ ހަޅޭއްލަވައިގަތެވެ. އަދި އޭނާގެ ގައިގައި ކޮރޯނާވައިރަސް ހުރި ކަމަށް ދެ ފަހަރަށް ބުންޏެވެ. އެހިސާބުން އޭނާގެ ވާހަކަ ފްލައިޓް އެޓެންޑެންޓް ގޮސް ޕައިލެޓަށް އެންގީ އެވެ.

އެ ބޯޓުގައި އިން އެހެން ފަސިންޖަރަކު ބުނެފައިވާ ގޮތުގައި ޖެރްޖީ އެހެން ބުނީ ޖޯކަކަށް ކަމެއް ޚުދް އޭނާ އަކަށް ވެސް ދެނެގަންނާކަށް ނޭނގުނެވެ. ޖެރްޖީ އެހެން ބުނި އަޑު އިވުމުން ބޯޓުގައި ތިބި ފަސިންޖަރުންތައް ބިރުން އުޅެން ފެށި އެވެ. އެއްބައި މީހުން އޭރުވެސް ތިބީ މަސްތުގެ ހާލަތުގައި ކަމުން އެމީހުންތައް ރޮއި ހަޅޭއްލަވަން ފެށި އެވެ.
ފަސިންޖަރުން ހަމަޖެހިގެން ތިބުމަށް ޕައިލެޓް ތަކުރާރުކޮށް ބުނަމުން ދިޔައިރުވެސް އެމީހުން ބިރުން ގޮސް މައިތިރިވެގެންނެއް ނުތިބެވުނެވެ. ތަންކޮޅެއް މަޑުމަޑުން ތިބި ފަސިންޖަރުންނަށް ވެސް ޖެރްޖީގެ ވާހަކައިގެ ހަގީގަތް ނޭނގި ބޯޓުގައި ދަތުރުކުރުމަށް ތިބީ ފަސްޖެހިފަ އެވެ.

ޖެރްޖީ ގައިގައި ކޮރޯނާވައިރަސް ހުރިކަމަށް އޭނާ ބުނުމުން އޭނާ ބާލަން ބޯޓަށް މީހުން އެރީ ވެސް ހަޒްމަޓް ސޫޓް ލައިގެން ތައްޔާރީ ހާލަތަކަށް އައިސް ތިބެގެންނެވެ. އެމީހާ ބޯޓުން ބަލައިގެން ގެންދިއުމަށްފަހު ފުލުހުން ބޯޓަށް އަރާ ފަސިންޖަރުން ކައިރީގައި އެމީހާ ހެދި ދޮގެއް ކަމަށާއި އޭނާގެ ގައިގައި ކޮރޯނާވައިރަސް ނެތް ކަމަށް ބުންޏެވެ.