ހަބަރު

އެމްޑީޕީ އާއި ޖޭޕީއަށް ފައިސާ ދޫކުރަން ނިންމައިފި

Mar 17, 2020
3

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޔާސީ ޕާޓީތަކުން ހުށަހަޅަން ޖެހޭ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހެޅި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް އަންގަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އީސީން މިއަދު ބުނި ގޮތުގައި މިއަދާ ހަމައަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޖެހޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާއި އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އެކަންޏެވެ. އެހެންކަމުން އެ ދެ ޕާޓީއަށް ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ މަދުވެގެން 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ. މި ވަގުތު 10،000 މެންބަރުން ހަމަވަނީ އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއަށެވެ. އެމްޑީޕީގައި 53،748 މެންބަރުން ތިބިއިރު، ޖޭޕީގައި 12،128 މެންބަރުން، އަދި ޕީޕީއެމްގައި 36،054 މެންބަރުން އެބަ ތިއްބެވެ.

މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައި ވަނީ 33 މިލިއަން ރުފިޔާ އެވެ. އެއީ އެމްޑީޕީއަށް 17.61 މިލިއަން ރުފިޔާ އެވެ. ޕީޕީއެމްއަށް 11.81 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީއަށް 3.97 މިލިއަން ރުފިޔާ އެވެ.