ރިޔާސީ އިންތިހާބު 2023

ރިޔާސީ އިންތިހާބަށް އޮފިޝަލުން ހޯދަނީ

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

ވޯޓުލާ މަރުކަޒުތަކަށް އޮފިޝަލުން ހޯދުމަށް ކުރި އިއުލާނުގައި މަގާމުގެ މައިގަނޑު ޝަރުތުތަކުގެ ގޮތުގައި ހިމަނާފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުމެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ކަމެއްގައި އުޅޭ މީހަކަށް ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ނުވެވޭނެ އެވެ.

އޭގެ އިތުރުން އޮފިޝަލަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން ހިމެނެ އެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކަށްވުމުގެ އިތުރުން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެ އެވެ.

މަގާމަށް އައްޔަންކުރެވޭ މީހަކަށް އުޖޫރަ ދެވޭނީ ހަމައެކަނި ވޯޓުލާ ދުވަހަށް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މަގާމު އަދި އުޖޫރަ

  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ - 1،500 ރުފިޔާ
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ - 1،200 ރުފިޔާ
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ - 1،000 ރުފިޔާ
  • ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ - 500 ރުފިޔާ

އުޖޫރައިގެ އިތުރުން ވޯޓުލާ ދުވަހު ކެއުމާއި ސައިގެ އިންތިޒާމު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެ އެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މި މަސައްކަތަށް ހާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ އެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިން އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެ އެވެ.

ތަމްރީން ފުރިހަމަ ނުކުރާ މީހުން އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހު އެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުން ޖޫން 22 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.