ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް ދޭން ނިންމައިފި އެވެ.
ދިރާގުން ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް ޑޭޓާ އެލަވަންސް ލިބޭނެ އެވެ. މީގެ އިތުރުން ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރެއިން ޑޭޓާ ހިމެނޭ ހުރިހާ ޕްލޭން ތަކަށް ހިލޭ އިތުރު ޑޭޓާ ވެސް ލިބޭނެ އެވެ.
ޕޯސްޓް ޕެއިޑް ކަސްޓަމަރުން
ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރެއިން ޑޭޓާ އެކުލެވިގެންވާ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބިގެންދާނެ އެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް އެންމެ ކުޑަ ޕްލޭނުން ފެށިގެން 500އެމްބީ އާއި 10 ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބިގެން ދާނެ އެވެ. މި މަހު އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި ކަސްޓަމަރުންނަށް ދީފަ އެވެ.
ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ މި ހިނގާ މާޗް އަދި އެޕްރީލް މަހުގައި ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާ އަދި މާޗް މަހުގެ އިތުރު ޑޭޓާ މިހާރު ވަނީ ކަސްޓަމަރުންނަށް ލިބިފައި އެވެ.
ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން 25 ޕަސެންޓް ގެ ޑިސްކައުންޓެއް ދޭން ކަނޑައަޅާ، ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ މަހު ފީ އިން ވެސް 25 ޕަސެންޓް ޑިސްކައުންޓް ދޭން ވަނީ ކަނޑައަޅާފައި އެވެ.
ދިރާގުން އަބަދު ވެސް ބަލަނީ ގައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށް ދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް މުޖުތަމަ އަށް ލުއި ފަސޭހަކޮށް ދިނުމަށެވެ. މީގެ އިތުރުން ވެސް ދިރާގުން ވަނީ އިތުރު ކަސްޓަމާ ސެގްމެންޓް ތަކަށް ވެސް ލުއި ފަސޭހަ ތަކެއް ފޯރުކޮށްދިނުމަށް ނިންމާފަ އެވެ.
ޕްރިޕެއިޑް ކަސްޓަމަރުން
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ދީ، ޕްރީޕެއިޑް މަންތްލީ ޑޭޓާ ބަންޑަލްސް ތަކުން ދޭން ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން މި ދުވަސްވަރު ކޯލް ކުރުމުގެ މުއާމަލާތްތައް އިތުރު ވާނެ ކަމުން، ޕްރީޕެއިޑް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް 15" ގެ އަގު 50 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ.