ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފްލައިޓުތައް ކެންސަލްކޮށް، ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި

Mar 17, 2020
1

ކޮލޮމްބޯ (މާޗް 17) - ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން، ސްރީލަންކާއަށް އަންނަ ފްލައިޓުތައް ކެންސަލްކޮށް، އެ ގައުމުގެ މައި އެއާޕޯޓު ބަންދުކޮށްފި އެވެ.

ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްސަ މިއަދު އިއުލާނުކުރެއްވި ގޮތުގައި، ލަންކާގެ މައި އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓެނޭޝަނަލް އެއާޕޯޓް (ބީއައިއޭ) މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އިއްޔެ އެކަނިވެސް ލަންކާ އިން އިތުރު 10 މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ގައުމުގައި މިހާރު 29 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ.

ސަރުކާރުން މިހާރުވެސް ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް، އަސާސީ ހިދުމަތްތައްދޭ ތަންތަން ފިޔަވައި، އެހެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ޒޫތަކާއި މިއުޒިއަމްތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

ލަންކާގައި ކޮވިޑް-19 ފެތުރޭ ދަރަޖަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ މަތިކޮށްފަ އެވެ.

ލަންކާގައި މިހާރު ކޮމިޔުނިޓީ ޓްރާންސްމިޝަން ކުރިމަތިވެފައިވާކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

އޭގެ މާނައަކީ، ބަލި ޖެހިފައިވާ މީހަކާ ސީދާ ގުޅުމެއް ނުވަތަ ކޮންޓެކްޓެއްނެތް މީހަކަށް އެ ބަލި ފެތުރިގެންދާ ހާލަތެކެވެ.

އެކަމާއެކު ލަންކާ ސަރުކާރުން ވަނީ ޔޫކޭ، ބެލްޖިއަމް އަދި ނޯވޭ އިން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެ ތިން ގައުމުގެ އިތުރުން، ލަންކާ ސަރުކާރުން މީގެ ކުރިން ވަނީ ފްރާންސް، ސްޕެއިން، ޖަރުމަނު، ސްވިޓްޒަލެންޑް، ޑެންމާކް، ނެދާލެންޑްސް، ސްވީޑަން އަދި އޮސްޓްރިއާ އިން މީހުން އެތެރެވުން މަނާކޮށްފަ އެވެ.

އަދި އެއްވެސް ގައުމަކުން އަންނަ މީހަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވެސް ލަންކާ އިން ވަނީ މެދުކަނޑާލައިފަ އެވެ.

އޭގެ އިތުރުން، ގައުމުން ބޭރުގައި މިވަގުތު ތިބި ރައްޔިތުން، އެނބުރި ލަންކާއަށް އައުން މަޑުޖައްސާލުމަށްވެސް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.