ހަބަރު

ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ މާއްދާގެ އިސްލާހު ތަސްދީގުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ބާތިލު ވާނެ ގޮތްތައް ބަޔާންކޮށްފައިވާ ކައުންސިލް އިންތިހާބުގެ ގާނޫނުގެ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ތަސްދީގު ކުރެއްވި އެ އިސްލާހުގައިވާ ގޮތުން، ކައުންސިލް އިންތިހާބުގައި މަގާމަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަލާފައިވާނަމަ ބާތިލްވެގެން ދާނީ އެ ގޮތަށް ފާހަގަ ޖަހާފައިވާ މަގާމުގެ ވޯޓު އެކަންޏެވެ. ވޯޓު ކަރުދާހުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ހަމައަށް ފާހަގަ ޖަހާފައިވާ މަގާމެއްގެ ވޯޓެއް ގުނާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ރަށު ކައުންސިލްތަކުގެ ރައީސް އާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަކީ އެ ކައުންސިލެއްގެ ހިމެނޭ އެންމެން ވޯޓު ލައިގެން ވަކިން އިންތިހާބު ކުރާ މަގާމެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.

އެހެންކަމުން ރަށްރަށުގައި ވޯޓުލާ މީހުން ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރު އަދި ކައުންސިލްގެ އަންހެން މެންބަރުގެ މަގާމަށް ވޯޓު ލާން ޖެހެ އެވެ. ސިޓީ ކައުންސިލްތަކުގައި މޭޔަރަށާއި ދާއިރާ މެންބަރާއެކު ދެ މަގާމަކަށް ވޯޓު ލާން ޖެހޭއިރު، ކުޅުދުއްފުށި ސިޓީން ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ވެސް ވޯޓު ލާން ޖެހެ އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ހުރިހާ މަގާމަކަށް ވޯޓު ލުމަށް މަގާމުތަކުގެ ވޯޓު ކަރުދާސް ވަކިވަކިން ދޫކުރުމުގެ ބަދަލުގައި އެއް ކަރުދާހެއްގައި ހުރިހާ މަގާމަކަށް ވޯޓުލާ ގޮތަށެވެ. އެހެންކަމުން ކުރިން ގާނޫނު އޮތް ގޮތުން އެންމެ މަގާމެއްގެ ވޯޓު ބާތިލް ވެއްޖެނަމަ މުޅި ވޯޓު ކަރުދާސްގެ ވޯޓުތައް ބާތިލް ވާނެ އެވެ.

އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓުތައް އިތުރުވެދާނެތީ ކައުންސިލް އިންތިހާބުގެ ގާނޫނުގެ މާއްދާއަށް އިސްލާހު ހުށަހަޅައި، މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

އެންމެ ފުރަތަމަ އަންނަ މަހުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ގޮތަށް ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން، އީސީން ވަނީ ރާއްޖޭގެ ހާލަތު ރަނގަޅު ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ ދުވަހަކުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް އިންތިހާބު ފަސްކުރަން އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.