މާލެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން ފަށައިފި އެވެ. ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ގޮޅިތަކަށް އެދުނު ފަރާތްތަކުގެ ގުރުއަތުލުން ބޭއްވި އެވެ.
ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމަށްޓަކައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބަންދުކޮށްފަ އެވެ. އަލުން މަރާތުކުރުމަށް ފަހު ދޫކުރުމަށް ހަމަޖެހިފައި ވަނީ 165 ގޮޅި އެވެ. އެ ގޮޅިތަކަށް ކުރިމަތިލާން ހުޅުވާލުމުން 2،626 ފަރާތުން ވަނީ ފޯމު ހުށަހަޅާފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ދަތުރުވެރިންގެ މާރުކޭޓުން އެ ކައުންސިލުން ހުޅުވާލި 165 ގޮޅިއަށް ކުރިމަތިލި މިީހުންގެ ތެރެއިން މަތިން މާކްސް ލިބުނު މީހުނަށާއި ގުރުއަތު ލައިގެން ގޮޅިތަކަށް ހޮޅުވުނު މީހުނަށް ގޮޅިތައް ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި މަތިން މާކްސް ލިބުނު ފަރާތްތަކުގެ ލިސްޓެއް ވަނީ ގެޒެޓް ކޮށްފަ އެވެ.
މާލެ ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާރުކޭޓު ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި ފަރާތްތަކުގެ ކެޓަގަރީ އާއި، ކުރިން ގޮޅި ލިބި ގަވައިދުން ގޮޅި ހިންގި ފަރާތްތަކުގެ ކެޓަގަރީ އާއި، ގޮޅި ހިންގުމަށް ހުށަހެޅި އަންހެނުންގެ ކެޓަގަރީއަކާއި އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީ އެވެ.
އޭގެ ތެރެއިން މާރުކޭޓު ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި ފަރާތްތަކަށް ކަނޑައަޅާފައި ވަނީ 40 ގޮޅި އެވެ. މި ކެޓަގަރީން 50.5 އަށްވުރެ މަތިން ޕޮއިންޓް ލިބުނު ހަތް ފަރާތަކަށް ވަނީ ގޮޅި ލިބިފަ އެވެ. ބާކީ އޮތް 33 ގޮޅި ގުރުއަތު ލާފައި ވަނީ 40 ޕޮއިންޓްއަށް ވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ.
ކުރިން ގޮޅި ލިބި ގަވާއިދުން ގޮޅި ހިންގި ފަރާތްތަކަށް ކަނޑައެޅިފައި ވަނީ 30 ގޮޅި އެވެ. މި ކެޓަގަރީން 45 އަށް ވުރެ މަތިން ޕޮއިންޓް ލިބުނު 7 ފަރާތަކަށް ވަނީ ގޮޅި ލިބިފަ އެވެ. ބާކީ އޮތް 26 ގޮޅި ގުރުއަތު ލާފައި ވަނީ 40 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ.
ގޮޅި ހިންގުމަށް ހުށަހެޅި އަންހެނުންގެ ކެޓަގަރީއަށް ކަނޑައަޅައިފައި ވަނީ 20 ގޮޅި އެވެ. މި ކެޓަގަރީން ގުރުއަތު ލާފައިވަނީ 46 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ.
އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއަށް ކަނޑައެޅިފައި ވަނީ 75 ގޮޅި އެވެ. މި ކެޓަގަރީން 41.5 އަށް ވުރެ މަތިން މާކްސް ލިބުނު 20 ފަރާތަކަށް ވަނީ ގޮޅި ލިބިފަ އެވެ. ބާކީ އޮތް 55 ގޮޅި ގުރުއަތު ލާފައި ވަނީ 41 ޕޮއިންޓާއި 40.5 ޕޮއިންޓާ ދެމެދުން މާކްސް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ.