ހަބަރު

ދަށްވެގެން 25 ރުފިޔާއަށް ކަންނެލި ގަންނަ ކުންފުނިތަކަށް ލޯނު ދޫކުރަނީ

ކޮވިޑް-19 ގެ ސަބަބުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކާއި އެ މަސް ގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން 25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގަށް ކަންނެލި ގަންނަ ކުންފުނިތަކާއި ވިޔަފާރިތަކަށް 100 މިލިއަން ރުފިޔާގެ ލޯނެއް ދޫކުރަަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ ވޭތުވެދިޔަ ފަސް ދުވަހު އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ސީފުޑް ޕްރޮސެސަސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން އާއި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑު ކަންނެލި ގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކާއެކު ސިލްސިލާ މަޝްވަރާތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުން ފާހަގަ ކުރެވުނު ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާ މަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ދިއުމުން، މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި، މަސް ގަނެ ޕްރޮސެސްކުރާ ވިޔަފާރިތަކުގެ އާމްދަނީއަށް ހީނަރުކަމެއް ވަނީ އައިސްފަ އެވެ.

އެހެންކަމުން ބޮޑު ކަންނެލި ގަނެ ޕްރޮސެސް ކުރާ ކުންފުނިތަކުން ގަނޑި ކުރި މަހުގެ ގޮތުގައި މަސް އެކްސްޕޯތް ކުރުމަށް ބޭނުންވާ ކޭޝް ފްލޯ ފޯރުކޮށް ދިނުމަށް 100 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ގާއިމު ކޮށްދޭން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ، އެ ލޯނު ފެސިލިޓީ ދޫކުރާ ކުންފުނިތަކުން 25 ރުފިޔާ އަށް ވުރެ ކުޑަ ނުން އަގެއްގައި މަސް ގަންނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ބޮޑު ކަންނެލީގެ މަސްވެރި ކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުންގެ ތެރެއިން އިންޖީނު ލޯނު ނުވަތަ އޮޑި ބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުއެއް ހޯދައި ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ވައިރަސްއާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ. މި ގޮތުން މި ދުވަސްވަރުގައި އެންމެ ބޮޑަށް އެ ވައިރަސް ފެތުރެމުން ދަނީ ރާއްޖޭގެ މަސް އެންމެ ގިނައިން އިމްޕޯޓް ކުރާ ޔޫރަޕްގެ ގައުމުތަކަށެވެ.

އެ ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވާއިރު މުޅި ދުނިޔޭގައި ވައިރަސްއަށް ޕޮޒިޓިވް 185،000 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 79،000 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅު ކުރެވިފައިވެ އެވެ. އަދި 7،000 އަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެގެން ގޮސްފަ އެވެ.