ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިނގިރޭސިވިލާތާއި މެލޭޝިއާގައި ދިވެހިން ރެޖިސްޓާވާން އެދެފި

އިނގިރޭސިވިލާތާއި، މެލޭޝިއާގައި ތިބި ދިވެހިން އެ ގައުމެއްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ރެޖިސްޓާވުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިނގިރޭސިވިލާތާއި މެލޭޝިއާއަށް ދަތުރުކުރާ ދިވެހިންނާއި އެ ދެ ގައުމުގައި ދިރިއުޅޭ ދިވެހިން އެ ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓާ ވުމަށް އެދޭ ކަމަށެވެ.

މި ދެ ގައުމުން ރާއްޖެ އަށް މީހުން އައުން ވަނީ މެދުކަނޑާލާފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެ ކަމަށެވެ. ހަމައެހެން އިނގިރޭސިވިލާތުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް މީހުން އައުން މަނާވާނެ ކަމަށެވެ. އެ ދެ ގައުމަށް ޓްރާންސިޓްވެފައި ވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

އެ ދެ ގައުމުން މީގެފަހުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.

އިނގިރޭސިވިލާތާއި މެލޭޝިއާގައި ދިވެހިން އުޅޭ އިރު އެ ދެ ގައުމުގައިވެސް ވަނީ ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ކޭސްތައް ފެނިފަ އެވެ. މެލޭޝިއާގައި ޕޮސިޓިވް ކޭސްތައް ގިނަވެ ސަރުކާރުން އެ ގައުމު ލޮކްޑައުންއަކަށް ގެނެސްފައިވާއިރު މިއަދު ވަނީ އެ ވައިރަހުގައި މަރުވި ފުރަތަމަ ކޭސް ރިޕޯޓު ކޮށްފަ އެވެ.