ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19އަށް ޓެސްޓްކުރުން ފުޅާކޮށް، ބޭރަށް ދަތުރުކުރި ބަޔަކު އެކަހެރިކޮށްފި

ކޮވިޑް-19އަށް ޝައްކުވާ އަލާމާތެއް ކިރިޔާ ވެސް މީހެއްގެ ފަރާތުން ފެނިއްޖެނަމަ ޓެސްޓް ކުރުމަށް ސަރުކާރުން ނިންމައި ބައެއްގެ ސާމްޕަލްތައް ނަގައިފި އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން އަމަލު ކުރާ ގޮތަކީ ކިރިޔާ ވެސް އަލާމާތެއް ފެނި، ޓްރެވެލް ހިސްޓްރީއެއް ހުރެއްޖެނަމަ އެމީހަކު ޓެސްޓްކުރާ ގޮތަށެވެ.

އެގޮތުގެ މަތިން ލަންކާއަށް ދަތުރުކޮށްފައިވާ ޅ. ހިންނަވަރު މީހެއްގެ ފަރާތުން އަލާމާތްތައް ފެނުމުން ވަނީ އެކަހެރިކޮށްފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. ދ. ކުޑަހުވަދޫ އާއި އއ. އުކުޅަހުން އިންޑިއާގެ ޓްރެވެންޑްރަމަށް ދަތުރުކޮށްފައިވާ ދެ މީހެއްގެ ފަރާތުން ވެސް އަލާމާތްތައް ފެނިފައިވާތީ އެމީހުން ވެސް ވަނީ އެކެހެރިކޮށްފައި ކަމަށް މަބުރޫކު ވިދާޅުވި އެވެ. ދެން އެކަހެރިކޮށްފައިވަނީ ރ. ފައިނުގަ އެވެ. ފައިނުގައި އެކަހެރިކޮށްފައިވަނީ އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައިވާ މީހެކެވެ.

މީގެއިތުރުން މާލޭގައި ހުރި ދެ މީހެއްގެ ވެސް ސާމްޕަލް ނަގައި އެ ދެ މީހުން ވަނީ ގޭގައި އެކަހެރިކޮށްފަ އެވެ. އެތަނުން އެކަކަކީ އިންޑިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ ލަންކާއިން އައި މީހެކެވެ. މި ހަ މީހުންގެ ވެސް ސާމްޕަލް ނަގާފައިވާއިރު، އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

މިރޭ ޑރ. ނަޒްލާ ވިދާޅުވީ އަލާމާތަށް ފެނިގެން މީހަކު ގޭގައި އެކަހެރިކުރި ނަމަވެސް އެއީ މުޅި އެ ހިސާބުގައި ދިރިއުޅޭ މީހުން ހާސްވާން ޖެހޭ ކަމެއް ނޫން ކަމަށާއި މުޅި އެ ހިސާބަށް ބަލި ފެތުރޭނެ ކަމެއް ވެސް ނޫން ކަމަށެވެ. ކިރިޔާ ވެސް އަލާމާތެއް ފެނުމުން ޓެސްޓް ކުރަނީ ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ. އެއްވެސް ނުރައްކަލެއް ބަޔަކަށް އޮތްނަމަ އެކަން ހާމަ ކުރައްވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.