ވޮޝިންގްޓަން (މާޗް 17) - ކޮވިޑް-19އަށް "ޗައިނާ ވައިރަސް" އެކޭ ވިދާޅުވުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޓްރަމްޕް މި ގޮތަށް ވިދާޅުވެފައިވަނީ، ކޮވިޑް-19 އަކީ އެމެރިކާއިން އުފައްދާފައިވާ ވައިރަސްއެއް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ދާދި ފަހުން ވިދާޅުވެފައިވަނިކޮށެވެ.
ކޮވިޑް-19 އެއްވެސް ގައުމަކަށް ނުވަތަ ނަސްލަކަށް ނިސްބަތް ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ކުރި އިލްތިމާސް އާ ހިލާފަށް ދުނިޔޭގެ އެންމެ ގަދަ ދެ ބާރުގެ ދެމެދުގައި ތުހުމަތުތައް ދަނީ ބަދަލު ކުރަމުންނެވެ.
ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނުނު އެ ވައިރަސް މިހާރު ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ. އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 173،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ޗައިނާއަށް ނިސްބަތް ކުރެއްވީ ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
"ޗައިނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއާލައިންތައް ފަދަ ސިނާއަތްތަކަށް އެމެރިކާއިން ވަރުގަދައަށް ސަޕޯޓުކުރާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އޭގެ ފަހުން ޓްރަމްޕް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ޗައިނާ ވައިރަހުގެ އަސަރު އެއްބަޔަކަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.
ޓްރަމްޕްގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯވެސް ވަނީ މީގެ ކުރިން ކޮވިޑް-19 "ވޫހާން ވައިރަސް"ގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރައްވައި، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ހަގީގަތެއްނެތް ތުހުމަތުތައް ކުރުން ހުއްޓާލައި، ހެދުނު ގޯހަށް މައާފަށް އެދުމަށް އެމެރިކާއަށް ގޮވާލައިފަ އެވެ.
އަދި ޗައިނާ ސަރުކާރަށް ވާގިދޭ ޒިންހުއާ ނޫހުގައިވެސް ބުނެފައިވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާއާފާތެއް އެހެން ގައުމުތަކުގެ ބޮލުގައި އަޅުވައިގެން، ބައެއް ސިޔާސީ ލީޑަރުންގެ ނާގާބިލުކަން ފޮރުވަން މަސައްކަތް ކުރުމަކީ ވައިރަހާ ގުޅިގެން މުޅި ދުނިޔޭގައި އޮތް ބިރުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.
އަނެއް ބަޔަކު ބުނަމުންދަނީ، އެ ވައިރަސް ޗައިނާއަށް ނިސްބަތް ކުރުމުން، އެމެރިކާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ ރައްޔިތުންނާމެދު ނަފުރަތު އުފެދި، އެމީހުން އިތުރު ނުރައްކަލަކަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށެވެ.