ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަފާރީގެ މީހެއް މާލޭގައި ހުރުމުން އެކަހެރިކުރަނީ

Mar 17, 2020
1

އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓްވި މީހެއް މާލޭގައި ހުރި ކަމަށާއި އެމީހާގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ފުވައްމުލައް ސިޓީ ބޭރުގައި އޮތް އައިލެންޑް ސަފާރީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީންނެވެ. އެމީހުން މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސްފަ އެވެ. އަދި ސަފާރީ ކަރަންޓީނުކޮށް އޭގައި ދެން ތިބި މީހުން ވެސް ވަނީ އެކަހެރިކޮށްފަ އެވެ.

ސަފާރީގެ ދެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ހޯދުމުގެ ތެރެއިން މާލޭގައި މިވަގުތު ހުރި މީހަކު ފާހަގަކުރެވިފައިވާތީ އޭނާ އެކަހެރިކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މިރޭ ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.