މާލޭ ސިޓީ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކޮށްފި އެވެ. މާލެ ލޮކްޑައުން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ލޮކްޑައުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް އަންހެނެއް ފެނިގެންނެވެ. އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އެ އަންހެން މީހާ ކޮންޓެކްޓްވި އިތުރު ދެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެތަނުން އެކަކާ ކޮންޓެކްޓްވި ހަތަރު މީހަކު މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ މި ހިނދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު، ހުޅުމާލެ، ވިލިމާާލެ، ތިލަފުށި ހިމެނޭހެން މީހުން ބޭރަށް ނުކުމެ އުޅުމާއި ދަތުރު ކުރުން މަނާވާނެ ކަމަށެވެ. މި ހާލަތުގައި ބޭރަށް ނުކުމެ އުޅެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މާލެ ލޮކްޑައުން އިއުލާން ކޮށްފައި އޮތް ނަމަވެސް އިއްޔެ ގިނަ ބަޔަކު މަގުތަކަށް ނުކުމެފައިވެ އެވެ. ގިނަ މީހުން ނުކުތީ ޑެލިވަރީގެ ހިދުމަތް ލަސްވެ، ފިހާރަތަކަށް އެއްޗެހި ގަތުމަށެވެ. ޑެލިވަރީގެ ހިދުމަތް މިހާރު ހައްލު ކޮށްފައިވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އިއްޔެ މީހުން މަގުމަތީގައި އުޅުނު ނަމަވެސް ފުލުހުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މާލެއިން ޕޮޒިޓިވްވެފައިވާ ފުރަތަމަ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.
އިއްޔެ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އޭގެ އިތުރުން، އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.