ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބުގެ މައްސަލައަށް ވަގުތީ ގާނޫނެއް ގެންނަން ވިސްނަނީ

ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހޭ މައްސަލާގައި ސިއްހީ ކުއްލި ހާލަތަށް ހާއްސަކޮށް އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ވަގުތީ ގާނޫނެއް ނުވަތަ "ސަންސެޓް" ގާނޫނެއް ގެނައުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައެއް މެންބަރުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު ތާއީދު ކުރައްވައިފި އެވެ.

ކޮވިޑް-19 ވައިރަސްއާއެކު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތާ ގުޅިގެން ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ކަނޑައެޅި ތާރީހު ކަމުގައިވާ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ބަދަލުގައި އެ މަހުގެ 18 ވަނަ ދުވަހަށް ފަސް ކުރުމަށް އީސީން ވަނީ ނިންމާފަ އެވެ. އެއީ ގާނޫނުގައި އިންތިހާބު ފަސްކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އެހެންކަމުން މި ހާލަތު އާންމުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ ދުވަހަކުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް އިންތިހާބު ފަސްކޮށްދޭން އެދި ސުޕްރީމް ކޯޓަށް އީސީން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ.

އެކަމަކު މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުން ގަބޫލު ކުރައްވަނީ އެ މައްސަލައަށް ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށް ވާތީ އެ ކަމުގައި ގޮތެއް ކަނޑައަޅަން ވާނީ ސުޕްރީމް ކޯޓުން ނޫން ކަމަށާއި މަޖިލީހުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ގެނެސް، އޭގެ މަޝްވަރާއަށް އީސީގެ މެންބަރުން އެ ކޮމިޓީއަށް މިރޭ ހާޒިރު ކުރެއްވި އެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ މިފަދަ ހާއްސަ ހާލަތުގައި އަމަލު ކުރާނެ ގޮތެއް މަޖިލީހަށް ކަނޑައެޅެން އެބަ އޮތް ކަމަށެވެ. އެ ގޮތުން މި ހާލަތަށް ރިއާޔަތްކޮށް ހަމައެކަނި މި ހާލަތުގައި އަމަލު ކުރާނެ މާއްދާއެއް އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް އިތުރު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހާލަތު ނިމުމުން އެ ގާނޫނު އުވިގެންދާ ގޮތަށް ހަމަޖެއްސިދާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ހައްލަކަށް މި އޮތީ ގާނޫނަށް މާއްދާއެއް އިތުރު ކުރަންވީއޭ ހަމައެކަނި މި ހާއްސަ ހާލަތަށް ޓަކައި، މި ހާލަތު ނިމުމުން އެ މާއްްދާ އުވިދާނެ ކަމަށް. އަދި އެ މާއްދާގެ ދަށުން އިސީން އެދޭ ގޮތަށް އެ މާއްދާ ކަނޑައެޅުމަށް." އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ގޮތުން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެ އެވެ. އެކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާ އަހްމަދު އަބްދުﷲ ވިދާޅުވީ ކައުންސިލްގެ ދައުރު ނިމި، އާ ކައުންސިލެއް އިންތިހާބު ނުވާނަމަ އަމަލު ކުރާނެ ގޮތެއް ގާނޫނުގައި ނެތް ކަމަށެވެ. ގާނޫނުގައި ނެތް ކަމަށް ކޯޓަކަށް ވެސް އަދި އެހެން ބަޔަކަށް ވެސް ގޮތެއް ކަނޑައެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މެންބަރު އަހްމަދު އަބްދުﷲ ގެ ވާހަކައަށް ތާއީދު ކުރައްވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ މިފަދަ ހާއްސަ ހާލަތުތަކާ ގުޅިގެން "ސަންސެޓް ގާނޫނެއް" ގެނައުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރާ އުސޫލެއް ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅައި ދާއިމީކޮށް ބޭއްވޭނެ މާއްދާއެއް ވެސް ގެނެވިދާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އޭގައި އީސީގެ މެންބަރުންގެ ވިސްނުމަކީ ކޮބައިތޯ ވެސް އޭނާ އެއްސެވި އެވެ.

އުޝާންގެ ސުވާލަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް އަހްމަދު ޝަރީފު ފުރަތަމަ ވިދާޅުވީ އެއީ މަޖިލީހަށް އޮތް އިހްތިޔާރެއް ކަމަށެވެ. އީސީން އެކަމުގައި އެދެނީ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމުގެ ފުރިހަމަ ބާރު އީސީއަށް ނުދިނުމަށެވެ. އެ ގޮތަށް ހަދައިފިނަމަ އީސީއަށް ނުފޫޒު ފޯރުވޭ ކަމަށް ރައްޔިތުން ގާބޫލު ކުރަން ފެށުމުގެ ބިރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ

"އަޅުގަނޑުމެންގެ ހުރިހާ ވެސް އެދުމަކީ އިންތިހާބު ލަސް ކުރުމުގެ ދޮރު އާންމުކޮށް އިލެކްޝަންސް ކޮމިޝަނަށް ހުޅުވޭ ގޮތަށް ނުބޭއްވުމަށް. އިލެކްޝަންސް ކޮމިޝަން އިން ބޭނުންވާ ގޮތަކަށް އިންތިހާބުގެ ތާރީހު ބަދަލު ކުރެވޭނެ ގޮތަކަށް އެ މާއްދާ ބައްޓަން ނުކުރުމަށް. އެހެން ނޫނީ އިންތިހާބެއް ލަސް ކުރާއިރަށް މި ކޮމިޝަނަށް ތުހުމަތުގެ އިނގިލިތައް ދިއްކުރުމުގެ ފުރުސަތު އޮންނާނެ." ޝަރީފް ވިދާޅުވި އެވެ.

އެކަމަކު ފަހުން ޝަރީފު ވަނީ ވަގުތީ ގާނޫނެއް ހެދުމުގެ ވިސްނުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ މިހާރު ދިމާވެފައިވާ ބަލިމަޑުކަމުގެ ހާލަތަކީ އާންމުކޮށް ދިމާވާ ހާލަތެއް ނޫން ކަމަށާއި ވަކި ހާއްސަ ހާލަތެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުގައި ހަމައެކަނި މި ހާލަތުގައި އަމަލު ކުރާނެ ގާނޫނެއް ގެންނަނަމަ، އީސީއަށް އިންތިހާބު ބޭނުންވާ ހިނދެއްގައި އިންތިހާބުގެ ތާރީހު ފަސްކޮށް އަވަސްކޮށް ނުހެދޭނެ ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުހިއްމު ޕޮއިންޓެއް އެއީ. އަޅުގަނޑުމެން އެއާ ހިތްހަމަޖެހޭ ކަމެއް ނޫން އެއީ ކޮމިޝަނަށް އިންތިހާބުގެ ތާރީހު ބޭނުންވާ ގޮތަކަށް ކަނޑައެޅޭ ގޮތަށް އޮތުމެއް. އަދި މިއީ ހާއްސަ ހާލަތެއް ވީމަ، ހަމަ މި ހާއްސަ ހާލަތަށް ރިއާޔަތްކޮށް ގާނޫނެއް ގެނައުން އެންމެ ރަނގަޅީ، އެއީ އާންމުކޮށް ދިމާވާނެ ހާލަތެއް ނޫން މިއީއެއް. އެހެންވެ އެ އިހްތިޔާރު ދާއިމީކޮށް ހުޅުވުމުގެ ބަދަލުގައި މި ގޮތް އެންމެ ރަނގަޅީ،" އަހްމަދު ޝަރީފު ވިދާޅުވި އެވެ.

އީސީން ފެންނަ ގޮތުގެ ބިލް ޑްރާފްޓެއް މާދަމާ ފޮނުވަނީ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޝްވަރާ ކުރެއްވުމަށް ފަހު، ނިންމެވީ އިންތިހާބު ފަސްކުރުމުގައި އަމަލު ކުރުމުގައި އީސީން ބޭނުންވާ ކަންކަން ހިމަނައި ބިލު ޑްރާފްޓެއް މާދަމާ މަޖިލިހަށް ހުށަހެޅުމަށެވެ.

މަޖިލީހުގެ ކޮމިޓީން އިތުރަށް ނިންމީ އީސީގެ ބިލް ޑްރާފްޓް ލިބުމުން ދައުލަތުގެ ބަންޑާރަ ނައިބުއާއެކު އެ ކަމާ ގުޅޭ މަޝްވަރާތައް ކޮށް އެ ގާނޫނު ބައްޓަން ކުރުމެވެ. އެކަމަކު މި މައްސަލައާ ގުޅިގެން ގެންނާނީ ވަގުތީ މާއްދާއެއް ކަމެއް ސީދާ ކޮމިޓީން ނުނިންމަ އެވެ.

މީގެ އިތުރުން ކޮމިޓީގެ ގިނަ މެންބަރުން ވެސް އޭގައި މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ މި މައްސަލާގައި ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދިއުމަށް ވެސް އެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ޝަރީފު ވިދާޅުވީ މަޖިލީހުން އެ ކަމުގައި ހައްލެއް ގެނެވެން އޮތް ކަމަށް ވާނަމަ އެ ގޮތަށް ކުރިއަށް ދާންކޮމިޝަންގެ މެންބަރުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެއީ މީގެ ކުރިން އެ ގޮތަށް އިންތިހާބު ފަސް ކުރުމުގެ މައްސަލަތަކުގައި އަމަލު ކޮށްފައި ވާތީ އެވެ.

ޝަރީފު އިތުރަށް އެދިވަޑައިގެންނެވީ މުޅި އިންތިހާބު އަލުން ފަސް ކުރުމުގެ ބަދަލުގައި ހަމައެކަނި އިންތިހާބުގެ ވޯޓު ލުން ފަސް ކުރަން ޖެހޭ ގޮތަށް މަޖިލީހުގެ ވިސްނުން ގެންގުޅުމަށެވެ. އަލުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައި މުޅި މަސައްކަތް ފަށަން ޖެހޭނަމަ އިތުރު ހަރަދުތައް ހިނގައި އިތުރަށް ގާތްގަނޑަކަށް 120 ދުވަސް ވެސް ބޭނުންވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަމައެކަނި ވޯޓު ލުން ފަސް ކުރާނަމަ ބޭނުންވަނީ 30 ދުވަސް ކަމަށެވެ.