ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ގައުމު ލޮކްޑައުން ކުރަން ކޮފީތަކަށް

Mar 19, 2020
2

"ކޮންމެ އިރަކުން ލޮކްޑައުން ކުރަނީ؟" "ހޭޝްޓެކް ލޮކްޑައުން" "ލޮކްޑައުން ކުރުން އަވަސް ކުރޭ؟" "މޯލްޑިވްސް ލޮކްޑައުން!" މިހާރު ދުނިޔޭގައި ފެތުރެމުން ދާ ނުރައްކާތެރި ބަލާ މުސީބާތް ކޮރޯނާ ވައިރަހާ ގުޅިގެން ދިވެހި ސޯޝަލް މީޑިއާގައި މިކަމަށް ގޮވާލާ މީހުން ގިނަ އެވެ. މުޅި ސޯޝަލް މީޑިޔާ ކެކެނީ މި ވާހަކަ އިންނެވެ. އެންމެން ރުޅިގަދަ ވެގެން އުޅެނީ ގައުމު ލޮކްޑައުން ނުކޮށްގެންނެވެ. މިވާހަކަ ގަދަވެރި ވަނިކޮށް ސަރުކާރުން މިވަނީ ސަރުކާރު އޮފީސްތައް ބަންދުކޮށްފަ އެވެ. މި ހިސާބުން ރަސްމީކޮށް "ލޮކްޑައުން" އޭ ނުބުންޏަސް ގާތްގަނޑަކަށް މިއޮތީ ލޮކްޑައުން ހާލަތުގަ އެވެ. މިހާރު ލޮކްޑައުން އަށް ގޮވާ މީހުން އެ ތިބީ ކޮން ތަނަކު ހެއްޔެވެ؟

ގިނަ ބަޔަކު މިހާރު ވެސް އެ ތިބީ ކޮފީގަ އެވެ. މިހާރު ލޮކްޑައުން އަށް ގޮވަނީ އެ ތަނުގައި ތިބެގެންނެވެ. މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ސަރުކާރު އޮފީސްތައް ބަންދު ކުރުމުގެ މަގުސަދަކީ ސޯޝަލް ޑިސްޓެންސެއް ބާއްވަން ފުރުސަތު ދިނުމެވެ. ސަރުކާރު ވަޒީފާތަކުގައި ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. ހާއްސަކޮށް މާލޭގެ ވެލާނާ ބިލްޑިންގް ފަދަ ތަންތަނުގައި އެއް ވަގުތެއްގައި އެތައް ސަތޭކަ ބަޔަކު ލިފްޓުން ދިމާވެ، އޮފީސްތަކަށް ހިދުމަތް ހޯދަން ދެ އެވެ. ކޮވިޑް-19 ގެ ބަލާ އާފާތް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ މިފަދަ ކްލޯޒް ކޮންޓްކެޓްވާ ހުރިހާ ހާލަތް ތަކެއް ހުއްޓުވުމެވެ. މި ފިޔަވަޅު އަޅާފައި އެވަނީ އެހެންވެ އެވެ.

ކޮންމެހެން ކަމާ ކަންފަށާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކޮށް، ކަނޑު މަގުން އަންނަ ބޯޓު ފަހަރު ނުހުއްޓުވައި މާލޭގެ ކަންމަތީ ފިހާރަތައް ބަންދުކޮށް، ސިފައިން ހަތިޔާރާއެކު ޝޫޓް ލައިގެން ނެރެގެން ފޯރު ނުމެރިއަސް މި ފިޔަވަޅުގެ ބޭނުމަކީ ވެސް ރައްކާތެރިކަން ޔަގީން ކުރުމެވެ. އެހެންވެ، މިހާރު ކުރަން ޖެހޭ ކަމަކީ ތިމާ އަމިއްލަ އަށް ބޯ ބަހައްޓައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. ފަރުދީ ޒިންމާއެއްގެ ގޮތުގައި ބަލައިގެން "ސެލްފް ކަރަންޓީ" އަށް ގޭގައި މަޑުކޮށްލުމެވެ. ނޫނީ މިއްލަ އަށް ގޭގައި ބަންދުވުމެވެ. މީގެ ބަދަލުގައި ކޮފީ ތަކަށް ގޮސް ގްރޫޕް ހަދާފަ، ތިބެ "ލޮކްޑައުން، ލޮކްޑައުން" އޭ ގޮވާކަށް ނުޖެހެ އެވެ. ފަރުދީ ޒިންމާ ނަގަންވީ އެވެ.

"އޮފީސްތައް ބަންދުކުރީމާ، ކޮފީތަކަށާއި މޫދަށް ދާނީކީ އެއް ނޫން. ހުރިހާ ބޭފުޅުން ވެސް ގޭގައި މަޑު ކުރެއްވުން މުހިއްމު،" ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ގޭގައި މަޑު ކުރަން މުހިންމު ވަނީ ކީއްވެ؟

ކްލޯޒް ކޮންޓެކްޓު ވުން ކުޑަކޮށް ސެލްފް ކަރަންޓީން އަކަށް ދާން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

ކޮރޯނާ ވައިރަސް ފެތުރުނު ގައުމުތަކުގެ ތަޖުރިބާ އަށް ބަލާއިރު މި ބަލިން ރައްކާތެރިވާން އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ މި އެވެ. ގިނައިން އަތް ދޮވުމާއި މޫނާއި އަނގަ އަދި ލޮލަށް އަތް ނުލުން އަދި މީހުން އެއްވެ ޖަމާއަތް ހަދައިގެން ނޫޅުމެވެ. ކޮވިޑް-19 އުފަންވި ޗައިނާ އިން ވެސް އެންމެ ބޮޑަށް ބާރު އެޅި އެއް ކަމަކީ މި އެވެ. ނަމަވެސް އިޓަލީން އެ ފިޔަވަޅު އެގޮތުގައި ނޭޅުމުގެ ނަތީޖާއަކީ ބަލި މީހުން އިންތިހާ އަށް ގިނަވެ ސިއްހީ ދާއިރާ ކޮށި އަރައިގެން ދިއުމެވެ. ގައުމުގެ ސިއްހީ ދާއިރާގައި ހުރި ކެޕޭސީޓީ އަށް ވުރެ ބަލި މީހުން ގިނަ ވެ ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތިވުމެވެ. އެހެންވެ މިހާރު ދިވެހި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައިގަނޑު މަގުސަަދަކީ މި އެވެ. ގްރޫޕް ހަދައިގެން އުޅުން ވަގުތުން ވަގުތަށް ހުއްޓާލަންވީ ވަގުތަކީ މި އެވެ.

ސަރުކާރު ބަންދު ކުރީމަ ދަނީ ދަތުރު

ސަރުކާރުން ވަނީ މިއަދުން ފެށިގެން ހަފުތާއެއް ވަންދެން ސަރުކާރު ބަންދުކޮށްފަ އެވެ. ބޭނުމަކީ މީހުން އެއްވެ އުޅުން މަދު ކުރުމެވެ. އެކަމަކު އެ ބަދަލު ގެނައުމާއެކު އިއްޔެ ފެނިގެން ދިޔައީ ގިނަ ބަޔަކު ރަށްރަށަށް ފުރަން ދިޔަ ތަނެވެ. ފުރާ މީހުންނާއެކު ޑޮމެސްޓިކް ޓާމިނަލް އާއި ލޯންޗްތައް ފުރާ ސަރަހައްދު އޮތީ ފުރި ބާރުވެފަ އެވެ. ފުރަން ދާ ކޮންމެ މީހެއްގެ އަތުގައި ނޫޑްލުސް ކޭހެއް އޮތްއިރު، އެންމެ ވައްތަރީ ދަތުރު ދާން އުޅޭ ބަޔަކާ އެވެ. އީދު އަންނާތީ ރަށަށް ދާން ފުރުމާ އެއް ވެސް ތަފާތެއް ނެތެވެ.

އެކަމަކު މިއީ ނުރައްކާތެރި ކަމެކެވެ. މި ވަގުތު އެންމެ ނުރައްކާތެރި ހާލަތަކީ އެއާޕޯޓްތަކާއި ޓްރާންސްޕޯޓް ވިއުގަ ތަކުގެ ބޭނުން ކުރުމެވެ. ގިނަ ބަޔަކު ލޯންޗުގައި ދެ ތިން ގަޑިއިރު އެއްކޮށް ދަތުރު ކުރަން ފަށާ ވަގުތުން ފެށިގެން އެ ހިނގާ ކޮންމެ ސިކުންތަކީ ނުރައްކަލެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ގޭ ބަންދުގައި ތިބުމެވެ.

ކޮންމެހެން ގައުމު އެއްކޮށް ލޮކް ޑައުން ކުރާކަށް ނުޖެހެ އެވެ. ތިމާ އަމިއްލަކަށް ގޭގައި މަޑުކޮށްލުމަކީވެސް މި ބަލި ފެތުރުން ކުޑަ ކުރަން އެޅޭނެ ފިޔަވަޅެކެވެ. މީގައި މުހިންމީ އެއާޕޯޓް ބަންދު ކުރުމެއް ނޫނެވެ. މުހިންމީ ސެލްފް ކަރަންޓީންނަށް ދިއުމެވެ. ކޮފީ އަށް ގޮސް ގައުމު ލޮކްޑައުން ކުރަން ގޮވުމެއް ނޫނެވެ.