ހުވަފެނެއް ބަލައިގެން، ކަމެއް ހިތު އަޅައިގެން އެކަމެއް ހާސިލުކުރުމަށް ނުވަތަ އެ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް އެހެން ހުރިހައި ކަމެއް ހުއްޓާލާފައި ތަންމަތި ބަނދެގެން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ކޮން ކަހަލަ ކަމެއްކަން އެންމެ ރަނގަޅަށް ކިޔައިދޭން އެނގޭނެ އެކަކަށް މަރިޔަމް ނިއުމާވާނެކަން ޔަގީނެވެ.
އެކަމަކު އޭނާ އަކީ މަޝްހޫރު މީހެއް ނޫނެވެ. އަދި އޭނާގެ ވާހަކަ ވެސް މަޝްހޫރެއް ނޫނެވެ. ނަމަވެސް ވަރަށް އިންސްޕިރޭޝަނަލް އެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ، ލ. ދަނބިދުއަށް އުފަން 34 އަހަރުގެ މި ނިއުމާ އަކީ ހަމަ ފިސާރި އަންހެނެކެވެ.
ނުވަތަ ހިތްވަރާ އެއްވަރަށް އޭނާގެ ނަސީބު ވެސް ގަދައީ އެވެ. ތަންތަން ބަލައި ހޯދައި، ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަމެކޭ ކިޔުނު ދެޔޯއެއް އައިސް އޭނާ އުރާލައިގެން ގެންދިއުމުގެ ކުރިން ރާއްޖެ އިން ބޭރު ބަލައިލުމުގެ ފުރުސަތު އޭނާ އަށް އެންމެ ފުރަތަމަ ލިބުނީ ލަކީ ޑްރޯއަކުންނެވެ. އެއީ މީގެ 11 ވަރަކަށް އަހަރު ކުރިންނެވެ.
"އެއީ ހަވީރު ނޫހުން އޭރު ފުޓްބޯލާ އޮފް ދަ އިޔާ ގެ ނަމުގައި ކުރިއަށް ގެންދިޔަ ލަކީ ޑްރޯއެއް. އޭގައި ޖެހެނީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭނީ ކާކަށްތޯ ދިމާކުރަން. ދެން ޖަވާބު ދިމާވެގެން އޭގެ ގުރުއަތުން ހޮވިގެން ލިބުނީ ކޮލަމްބޯގެ ދެކޮޅު ޓިކެޓާއި 5000 ރުފިޔާ،" އުމުރުން 21 އަހަރުގައި ކުރި އެ އާ ތަޖުރިބާ އަށް ފަހު ބެކްޕެކިންގައި އިރުމަތީ އޭޝިއާގެ ގައުމުތައް ފަތަހަކޮށް ތަފާތު އެކި މަންޒިލުތަކަށް އެކަނިމާއެކަނި ދަތުރުކުރުމުގެ ސިލްސިލާއެއްގައި އުޅެމުން ނިއުމާ އޭނާގެ ފެށުމަކީ މިއީ އެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހެނީ އޭނާ އަކީ އަބަދުވެސް ދަތުރުވެރިއެއްކަމެވެ. އެންމެ ކުޑައިރު ދަތުރުކުރީ މާލެ އާއި އޭނާގެ ރަށް ދަނބިދުއާ ދެމެދުގަ އެވެ.
"ކޮންމެ އަހަރެއްގެ ސްކޫލް ޗުއްޓީގައި ރަށަށް ގޮސް އަތިރިމައްޗަށް ނުކުމެ ފަރަށް ގޮސް ބޮލިހޮވައި މޫދަށް އެރި ރޮދުލުން އޮންނާނެ އޭރު،" އެންމެ ކުޑައިރުގެ ހަނދާންތަކުން ނިއުމާ ފެށި އެވެ.
"ދެން އޭރު ލާމުން މާލެ އަށް އަންނަން ކަނޑުމަތީގައި ހޭދަވެދާނެ ތިން ދުވަސްވެސް. އެވެސް ގަދަ ކަނޑާއި މާސިންގާ ރާޅުތައް ކަފަމުން. އެކަމަކު އަހަންނަކީ ދުވަހަކު ވެސް ކަނޑުމަތީގައި ބޯއަނބުރައި ހޮޑުލެވުނު މީހަކަށް ނުވާތީ އެހެން އަންހެންވެރިން ހޮޑުލެވިދާނެ ކަމަށް ބިރަން އެއްޗެއް ނުކައި ދޯނީގައި ބޯއަޅައިގެން ތިބޭއިރު ވެސް އަހަރެން އުޅޭނީ ބަނޑުފުރާލައިގެން ދޯނީގައި ދުވެ، ކޯމަހާއި ފުޅަނގި ފަދަ މަސްތަކުގެ ހިތްގައިމުކަން ބެލުމަށް،" ނިއުމާ ބުންޏެވެ.
މައެއްގެ ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ އޭނާ ބޮޑުވީ މިހެން އުޅެމުންނެވެ. އެހެންވީމަ ކުޑައިރާއި ފުރާވަރުގެ ދުވަސްތައް ނިމުމަކަށް އައިސް ޒިންމާއުފުލަން ޖެހޭ ވަރުގެ ބޮޑު އަންހެނަކަށް ބަދަލުވުމުން ވެސް އޭނާ އަށް އެއްތަނެއްގައި މަޑަކުން ނުހުރެވުނެވެ. އޭނާ ބޭނުންވީ ހުވަފެންތައް ފަހައި ދުވާށެވެ.
ކުޑައިރު ގެންގުޅުނު ނޯޓް ފޮތްފޮތުގައި، ބޮޑުވެގެން ކުރާނެ ކަންތަކާއި ކުރަން ބޭނުންވާ ކަންކަމުގެ ވާހަކަ ލިޔެގެން އުޅުނުއިރު ވެސް އާދައިގެ އަންހެން ކުއްޖަކު ފަދައިން ކިޔަވައި މޮޅުވެގެން ވަޒީފާއެއް ހޯދައިގެން މޭކަޕްކޮށްގެން އެ ވަޒީފާއަކަށް ނުކުމެ މީހުން އިމްޕްރެސްކުރުމުގެ ޕްލޭނެއް އޭނާގެ ޑައިރީގައި ލިޔެފަކައެއް ނެތެވެ.
ނިއުމާގެ ދިރިއުޅުން އޭނާ ނިއުޅުވަމުން އެ ދަނީ އޭނާގެ ނޯޓް ފޮތުގައި އޮތް ޕްލޭނާ އެއްގޮތަށެވެ. އެއީ ދުނިޔެ ބަލައި އެކި ކަންތައް ތަޖުރިބާކޮށް ހޯދުމަށް ކުރަހާފައިވާ ޗާޓެކެވެ.
އޭލެވެލް އިމްތިހާނަށް ފަހު ވަޒީފާ އަދާކުރަން ގުޅުނު އެއްވެސް ތަނެއްގައި އޭނާ އަށް މާ ގިނަ ދުވަހަކު ނޫޅެވުނީ ވެސް މި ސަބަބާ ހެދި އެވެ.
"ފޫހިވަނީ އަބަދު އޮފީސް ތެރޭގައި އެގޮތަށް އިންނަން،" ނިއުމާ ބުންޏެވެ.
އެންމެ ފުރަތަމަ އޭނާ އަކީ ޓްރެވަލް އޭޖެންސީއެއްގައި މަސައްކަތްކުރު ޒުވާން އަންހެން ކުއްޖެކެވެ. އެތަން ދޫކޮށްލާފައި ސްޓެލްކޯގެ ވަޒީފާއަކަށް ބަދަލުވީ އިތުރު ހަރަކާތެއް ނެތް އޮފީހެއްގައި ބަންދުވެފައި ހުންނަން ބޭނުން ނުވެގެންނެވެ.
ސްޓެލްކޯގައި އުޅެނިކޮށް އޭނާގެ އަތުގައި ހިފި "ހަވީރުގެ ނަސީބަކީ" ނިއުމާގެ އާންމު ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ހިސާބެވެ. ނަސީބުގެ އެ ދަތުރުގައި ލަންކާ އަށް ގޮސް އެނބުރި އައިސް ތިން މަސްކޮށްލާފައި އޭނާ އަނެއްކާވެސް ދިޔައީ ކޮލަމްބޯ އަށެވެ.
މާކެޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމަށެވެ. ނަމަވެސް އެހެން މީހުންނަށް އެހީވުމަށް އޭނާގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނާއި އެހެން މީހުންނާ ބައްދަލުވެ އެހެން މީހުންގެ ބަސްތައް ދަސްކުރުމަށް އުފެދުނު ޝައުގުވެރިކަމެއްގެ ތެރެއިން ނިއުމާގެ ވަޒީފާގެ ކެރިއަރު މުޅިން އެހެން ދިމާލަކަށް ސޮއްސާލީ އެވެ.
އެނބުރި އައިސް އޭނާ ގުޅުނީ ބްރިޓިޝް ރެޑް ކްރޮސްގެ ޕްރޮޖެކްޓަކަށެވެ. ދެން ވެސް އޭނާގެ ފޫއްސަކަށްވީ އޮފީހެއްގައި މަސައްކަތްކުރަން ޖެހުމެވެ. އެހެންމެ ދެ އަހަރު ނުވަނީސް އެތަން ދޫކޮށްލާފައި އެހެން އެންޖީއޯއަކާ ގުޅުނީ އެވެ.
ދެން ވެސް އޭނާ އަށް ލިބުނީ ޑެސްކަކާއި ކަރުދާހާއި ގަލަމެކެވެ. އެހިސާބުން ވީފޫއްސަކުން އެހުރިހައި މާޔޫސްކަމެއް ފިލުވައިލުމަށް އޭނާ ފުރައިގެން ދިޔައީ އިރުމަތީ އޭޝިއާ އަށެވެ. ސޭވްކޮށްފައި އޮތް ގާތްގަނޑަކަށް 1000 ޑޮލަރު ހޭދަކޮށްލައިގެން އިރުމަތީ އޭޝިއާގެ ހަތަރު ގައުމެއްގައި ބެކްޕެކްގައި ދަތުރުކުރީ އެވެ.
ނުވަތަ ހުވަފެނެއް ބަލައިގެން، ކަމެއް ހިތު އަޅައިގެން އެކަމެއް ހާސިލުކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކޮށްގެން އޭނާ އަށް ލިބުނު މޮޅަކީ ކޮބައި ހެއްޔެވެ؟
ފިސާރި އަންހެނަކަށް ނިއުމާ ބަދަލުވެގެންދާ ހިސާބަކީ މިއީ އެވެ. އެންމެ ފުރަތަމަ އޭނާ އަކީ އޭލެވެލް ނިންމައިގެން މާކެޓިން ކިޔަވައިގެން އޮފީހެއްގެ ވަޒީފާއެއްގައި ހުރި އަންހެނެކެވެ. އެކަމަކު އެ ވަޒީފާއެއް ދޫކޮށް ނޯޓު ފޮތުގައި ލިޔުނު ހުވަފެނުގެ ލިސްޓް ހަގީގަތަށް ހެދުމަށް ފެށި ދަތުރާއެކު އޭނާ މިހާރު ވަނީ އެތައް އެތައް ހުނަރެއް ދަސްކޮށް އެހެން މީހުންނަށް ވެސް އޭނާ އަށް އެނގޭ އެއްޗެހި ބުނެދޭން ފަށައިފަ އެވެ.
އޭނާ ފަސް ބަހެއް ދަސްކޮށްފި އެވެ. ޑިޒައިންކޮށް ވީޑިއޯގްރެފީގެ މަސައްކަތްކުރެ އެވެ. ފޮޓޯގްރެފީގެ މަސައްކަތުން ވެސް އާމްދަނީ ހޯދަ އެވެ. އެންމެ 15 މިނެޓްގެ ތަޖުރިބާއަކުން ފަތަން ދަސްކޮށް ޑައިވް ވެސް ކުރަން ފަށައިފި އެވެ. ފްރީ ޑައިވަރެއްގެ ލައިސަންސް ވެސް އެބައޮތެވެ.
އަދި ރާޅަށް ވެސް ދެ އެވެ. ސްކޭޓްބޯޑިން އަކީ އޭނާ އެންމެފަހުން ދަސްކުރި ހުނަރެވެ.
މިހުރިހާ ކަމަކީ ވެސް ނިއުމާ އަށް މިހާރު އާމްދަނީ ވެސް ލިބޭ ކަންކަމެވެ. މިހެން އެއްކުރާ ފައިސާއިން އޭނާ ދެން ކުރާ ކަމަކީ ޓްރެވަލްކުރުމެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ސޮނެވާ ފުށީގެ ވަޒީފާއެއްގައި އުޅެމުން ރާޅާއަޅަން ދަސްކުރުމަށް އޭނާ ކުރި ދަތުރެކެވެ. މި ޝައުގުވެރިކަމެއް އޭނާގެ ހިތުގައި އުތުރިއަރަގަތް ނަމަވެސް ރާޅާއެޅުން އަދި ޑައިވްކުރުން ވެސް އޮތީ އޭރު އޭނާ އަށް ކުރަން އެހާ ފަސޭހަ ކަމެއްގެ ގޮތުގައެއް ނޫނެވެ.
ސަބަބަކީ އޭނާގެ ލޮލުގައި ހުރި މައްސަލަ އެކެވެ. އުޅެން ޖެހެނީ ކޮންޓެކްޓް ލެންސް އަޅުވައިގެންނެވެ. އެގޮތަށް އުޅެނިކޮށް ބިންދާލާ ރާޅާއެކު އެތައް ފަހަރަކު ލޮލުން ލެންސް ވެސް ނެއްޓިގެން ގޮސްފައި އެބަހުއްޓެވެ. އެހެންވެ އޭނާ ބޭނުންވީ ރާޅާއަޅަން ދަސްކުރުމުގެ ކުރިން ލޮލަށް ފަރުވާއެއް ހޯދާށެވެ.
ބެންކޮކަށް ގޮސް ކުރި ލޭޒާ ސާޖަރީއަކަށް ފަހު ލޮލުގެ މައްސަލަ އެއްކޮށް ރަނގަޅުކޮށްގެން ދެން އޭނާ ނައްޓާލީ މޮރޮކޯ އަށެވެ. އެއީ ސީދާ ރާޅާއަޅަން ދަސްކުރަން އޭނާ ކުރި ދަތުރެކެވެ. ތިން މަސް ދުވަހުގެ އެ ދަތުރަށް ގާތްގަނޑަކަށް 7000 ޑޮލަރު ހޭދަކުރި އެވެ.
އެއަށް ފަހު އެނބުރި އައިސް އޭނާ މިހާރު ރާޅަށް ވެސް ދެ އެވެ. ސާރފް ބޯޑެއް ހޯދީ ރާޅަށް ދާ އެހެން އެކުވެރިންގެ ފޮޓޯ ނަގައި ވީޑިއޯކޮށްދީގެންނެވެ.
ހުވަފެނުގެ ވާހަކަތައް ލިޔެފައިވާ ނޯޓް ފޮތްތައް އޭނާގެ އަތުގައި އަދިވެސް އެބަހުއްޓެވެ. ނަމަވެސް ހުވަފެނީ ލިސްޓްގައި ހިމެނޭ ވަރަށް ގިނަ ކަންކަމުގައި މިހާރު ވަނީ ޓިކްކޮށްފަ އެވެ.
"ރާއްޖޭގެ އެކި ރަށްތަކަށް ދިއުމަކީ ވެސް ކުޑައިރުން ފެށިގެން ނިކަން ކުރަން ބޭނުންވެފައި ހުރި ކަމެއް. މިހާރު ރާއްޖެއިން ނުދެވެނީ އެންމެ ތިން އަތޮޅަށް. އެއީ ފ އަދި ށ އަދި އއ އަތޮޅު. މިހާރު ބޭނުންވަނީ ރިޔާ ނެގި ބޯޓެއްގައި ރާއްޖެ ވަށައިގެން ބުރެއް ޖަހާލަން،" ނިއުމާ ބުންޏެވެ.
"ކުޑައިރުގެ ޑްރީމް އަކީ 10 ބަހުން ވާހަކަ ދައްކަން ދަސްކުރުން. މިހާރު އެބަ އެނގޭ ފަސް ލެންގުއޭޖު. ދެން ބޭނުންވަނީ 40 އަހަރުވުމުގެ ކުރިން އިތުރު ފަސް ބަހެއް ދަސްކުރަން."
ނިއުމާ ބުނީ އޭނާގެ ދިރިއުޅުން މިގޮތަށް ބަދަލުކޮށްލުމުން ލިބޭ ހިތްހަމަޖެހުމާއި ގޮންޖެހުންތަކުގެ ކުރިމަތީގައި ލިބޭ ކާމިޔާބީ ވެސް ބޮޑު ކަމަށެވެ.
"އަބަދުވެސް ބޭނުންވީ ދިރިއުޅުމުގައި އެކި ކަހަލަ ތަޖުރިބާތައް ކުރަން. ފިއާއާ ފޭސްކުރަން ބޭނުން ވަނީ. އެންމެ ފުރަތަމަ މޫދަށް އެރެން ވެސް ބިރުގަތް. ރާޅާއަޅަން ވެސް ބިރުގަތް. އެ ދުވަހު ހުރީ ބިރުން ހަލާކުވެފައި. އެކަމަކު ދެ ތިން ދުވަހުން ރަނގަޅުވެއްޖެ. ރާޅަށް އެރެން ކެރުމަކީ ވެސް އަމިއްލަ ކޮންފިޑެންސް ވަރުގަދަކުރުމަށް ލިބުނު ތަޖުރިބާއެއް،" ނިއުމާ ކިޔައިދިނެވެ.
"މިކަހަލަ ކަންތައްކުރުމުގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް ކުރިއަށް ދާން ފަސޭހަވެފައި ގޮންޖެހުންތަކާ ކުރިމަތިލާން ވަރަށް ފަސޭހަވޭ. ހިތަށް އަރަނީ މަށަށް މިވެނި ކަމެއް ކުރަން ކެރިފައި ކީއްވެހޭ މިކަން ކުރަން ނުކެރެންވީ."
މިވަގުތު އޭނާ ދިރިއުޅެމުން ދަނީ ހުޅުމާލޭގަ އެވެ. އާމްދަނީއެއް ހޯދަނީ ފޮޓޯނަގައިގެންނެވެ.