ދުނިޔެ

ކާމިޔާބީތަކާއެކު ބައިޑަން ނޮމިނޭޝަނާ ގާތަށް

Mar 18, 2020
1

ވޮޝިންގްޓަން (މާޗް 18) - އިއްޔެ ބޭއްވުނު ޕްރައިމަރީތައް ކާމިޔާބު ކުރައްވައި، އެމެރިކާގައި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން، ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ގާތްގަނޑަކަށް ކަށަވަރުކުރައްވައިފަ އެވެ.

އިއްޔެ ބޭއްވުނު ތިން ޕްރައިމަރީންވެސް ބާނީ ސެންޑާސްގެ މައްޗަށް ބައިޑަން ވަނީ ކުރި ހޯއްދަވައިފަ އެވެ. އިއްޔެ ވޯޓުލާފައިވަނީ އިލިނޯއި، ފްލްރިޑާ އަދި އެރިޒޯނާގައި އެވެ. ކުރިން ސެންޑާޒަށް ތާއީދުކުރި އެފްރިކާ ދަރިކޮޅުގެ ރައްޔިތުންގެ މި ތިން ސްޓޭޓުގައިވެސް ބޮޑަށް ވޯޓުދީފައިވަނީ ބައިޑަން އަށެވެ.

އެ ކާމިޔާބީއަށްފަހު، ބައިޑަން ދެއްވި ސްޕީޗު މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާފައިވަނީ ސެންޑާސްއަށް ތާއީދުކޮށް ވޯޓުދިން ޒުވާނުންނަށެވެ.

އިއްޔެ އޯހައިއޯ ސްޓޭޓުގައި ވޯޓުލާ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ކޮވިޑް-19އާ ގުޅިގެން ވޯޓުލުން ވަނީ ފަސްކޮށްފަ އެވެ.

މީގެ ކުރިން، އެމެރިކާގައި ސުޕަ ޓިއުސްޑޭގެ ގޮތުގައި މަޝްހޫރުވެފައިވާ ޕްރައިމަރީގައި 14 ސްޓޭޓުގެ ތެރެއިން އަށް ސްޓޭޓް ވަނީ ބައިޑަން ކާމިޔާބު ކުރައްވައިފަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ހޯދުމަށް ޖުމްލަ 1،991 ޑެލިގޭޓުންގެ ތާއީދު ބޭނުންވެ އެވެ.

އިއްޔެހާ ހަމައަށް ބޭއްވުނު ޕްރައިމަރީތަކުން 628 ޑެލިގޭޓުންނާއެކު ކުރީގައި އޮތީ ބައިޑަން އެވެ. ސެންޑާސްއަށް ލިބިވަޑައިގެންފައިވަނީ 545 ޑެލިގޭޓުންގެ ތާއީދެވެ.