ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރަން ކޮމިޓީން ފާސްކޮށްފި

ކޮވިޑް-19 ވައިރަސްއާ ގުޅިގެން އިގްތިސާދުން އަންނަ ލޮޅުންތަކުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާާރައިގެ 20 ޕަސެންޓް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވި އެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ހުށަހެޅި ގޮތަށް މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރަން ފާސްކޮށްފަ އެވެ. އެ ކޮމިޓީގެ މެޖޯރިޓީ ވެސް އޮންނަނީ އެމްޑީޕީއަށެވެ.

މަޖިލީހުގެ ކޮމިޓީން އެ ގޮތަށް ނިންމުމާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި އާންމު މުވައްޒަފުންނަށް މުސާރައިގެ އޮނިގަނޑަށް ފިނޭންސް މިނިސްޓްރީން ބަދަލު ގެނައުމުގެ ކުރިން މަޖިލީހުން މަޖިލީހުގެ މެންބަރުންގެ މުސާރައަށް ގޮތެއް ކަނޑައަޅައި ފާސް ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން މިއަދު މެންދުރުފަހު 2:00 ގައި މަޖިލީހުގެ އާ ޖަލްސާއެއް ފަށައި އެ މަސައްކަތް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވި އެވެ. އަދި އެ ޖަލްސާގައި ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމަން ވޯޓަށް އަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާ އެވެ. އެ މުސާރައިން 20 ޕަސެންޓް އުނި ކުރާނަމަ ކޮންމެ މެންބަރެއްގެ މުސާރައިން 8،500 ރުފިޔާ އުނިވާނެ އެވެ. އޭރުން މަޖިލީހުގެ މެންބަރުންގެ މުސާރައަށް ދައުލަތުން ކުރާ ހޭދައިން މަހަކު 739،500 ރުފިޔާ ސަލާމަތްވާނެ އެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 8.9 މިލިއަން ރުފިޔާ އެވެ.

މުސާރައިގެ އިތުރުން މަޖިލީހުގެ މެންބަރުންނަށް 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.. އޭގެ ތެރެއިން ކޮމިޓީ އެލަވަންސް މެންބަރުންނަށް ދެއްވަނީ މެންބަރުންގެ ކޮމިޓީ ހާޒިރީއަށް ބެލުމަށް ފަހުގަ އެވެ.