ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިނިސްޓްރީގެ ނިންމުން ރަނގަޅު، އެއްބާރުލުންދީ: ޝަހީމް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށް ވިދާޅުވެ، އެ ނިންމުން ދެމެހެއްޓުމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ ގޮތުގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވީ މާލެ ސަރަހައްދާއި، ރިސޯޓްތަކުގައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން މިސްކިތްތަކުގެ ޖަމާއަތް ހެދުން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަށް ތާއީދުކޮށް، އެ ނިންމުން ދެމެހެއްޓުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

"ގޭގައި ނަމާދު ގާއިމުކުރުމަށާއި، މާތްﷲއަށް ދުއާ ކުރުމާއި، މި ނުބައި ވަބާއިން އިސްލާމީ އުންމަތާއި އެންމެހާ އިންސާނުން ސަލާމަތް ކޮށްދެއްވުމަށް ﷲ އަށް ދަންނަވާށެވެ. މިސްކިތްތަކުގައި ބަންގި ނުހުއްޓޭނެ އެވެ. ބަންގި ގޮވުމުގައި ގޭގައި ނަމާދު ކުރަން ގޮވާނީއެވެ." ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު، އިސްލާމީ ބޮޑެތި ގައުމުތަކުގައިވެސް މިފަދަ ފިޔަވަޅުތައް މިހާރު ވަނީ އަޅާގައެވެ.

އެގޮތުން ސައުދީ އަރަބިއްޔާ ސަރުކާރުން އިއްޔެ ވަނީ މައްކާގެ ހަރަމްފުޅާއި، މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތުގައި ފިޔަވައި އެހެން މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓާލާފައިވާކަން އިއުލާނުކޮށްފައެވެ. މީގެ އިތުރުން އެހެން ބައެއް އިސްލާމީ ގައުމުތަކުން ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މުޅިން ހުއްޓާލާފައެވެ.