ހަބަރު

ގޭގައި ނަމާދުކުރުމަށް ގޮވާލާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންގި ގޮވައިިފި

ގޭގައި ނަމާދު ކުރުމަށް ގޮވާލާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންގި ގޮވައިފި އެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ބަންގި ގޮވި ފުރަތަމަ ފަހަރެވެ. މިއަދުގެ މެންދުރު ނަމާދުގެ ބަންގީގައި ގޭގައި ނަމާދު ކުރުމަށް ގޮވާލާފައިމިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދާއި ރިސޯޓްތަކުގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ނަމާދު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނިކޮށެވެ.

މިއަދުގެ މެންދުރު ނަމާދުގެ ބަންގި ގޮވަމުން އިމާމުން ވަނީ "ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވާ! ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވާ!" މި ލަފްޒް ދެ ފަހަރު ތަކުރާރު ކޮށްފައެވެ.

އިސްލާމީ ބޮޑެތި ގައުމުތަކުގައިވެސް މިހާރު ބަންގި ގޮވަމުން ގެންދަނީ މިގޮތަށެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މަގުސަދަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ނުދެއްވުން ކަމަށެވެ.