ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެ މަސް ދުވަހަށް ރައީސް، ފަނޑިޔާރުން، އަދި މެންބަރުންގެ މުސާރަ ކުޑަކުރަން ފާސްކޮށްފި

ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ޓަކައި މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މެދުވެރިކޮށް މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އަދި ސަރުކާރުގެ ފަރާތުން ބައެއް އިސް ބޭފުޅުންގެ މުސާރަ އުނިކުރުމަށް ވެސް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނަޝީޒް ވަނީ މާލިއްޔަތު ކޮމިޓީން އެ މައްސަލާގައި އެކުލަވާލި ރޕޯޓް ތަޅުމަށް ހުށަހަޅުއްވައިފަ އެވެ. މި ގޮތުން ކޮމިޓީން ނިންމާފައި ވަނީ މި ހިނގާ މާޗު މަހާއި އަންނަ އޭޕްރީލް މަހުގެ މުސާރައިގެ 20 ޕަސެންޓް އުނިކުރުމަށެވެ. އަދި އޭގެ ފަހުން ކޮންމެ މަހަކު އެއް ފަހަރު މާލިއްޔަތު ކޮމިޓީން މެންބަރުންގެ މުސާރަ ރިވިއު ކުރުމަށް ވެސް ކޮމިޓީން ނިންމި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ރައީސް އާއި އަދި ނައިބު ރައީސް އާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓް ވެސް ދެ މަސް ދުވަހަށް އުނި ކުރުމަށް ވެސް ކޮމިޓީން ނިންމި އެވެ. އެއީ ސަރުކާރުން ހުށަހެޅި ގޮތެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުމާ އެއް ގޮތަށް މާޗު މަހާއި އޭޕްރީލް މަހުގެ މުސާރަ އިން 20 ޕަސެންޓް އުނި ކުރުމަށް ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. މުސާރައިގެ 20 ޕަސެންޓް އުނި ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާ އެވެ. މާޗު މަހާއި އޭޕްރީލް މަހުގެ މުސާރައިން 20 ޕަސެންޓް އުނިކުރުމުން އެ ދެ މަހުގައި މެންބަރުންނަށް މުސާރައަށް ލިބިވަޑައިގަންނަވަނީ މަހަކު 30،000 ރުފިޔާ އެވެ. އެ ގޮތަށް ފާސްކުރުމުން މެންބަރުންގެ މުސާރައަށް ކުރާ ހޭދައިން ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ސަލާމަތް ވާނެ އެވެ.

ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މި ކަމާ ގުޅިގެން ސަރުކާރުން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ބައެއް ގައުމުތަކުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ.

އެއާއެކު ޓޫރިޒަމް ސިނާއަތަށާއި އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނަނާނެ އެވެ. އެ ގޮތުން އިގްތިސާދަށް ވަންނަ ބޭރުގެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. އެ ކަމަށްޓަކައި ސަރުކާރުގެ ހަރަދުގެ ތެރެއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ވަނީ ނިންމައިފަ އެވެ.