ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދައުލަތުން ބަލަހައްޓައި މީހުންގެ ރައްކާތެރި ކަމަށް ފިޔަވަޅުތަކެއް

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ރޯގާއާ ގުޅިގެން، އެ ރޯގާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތައުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންޒާމުތައް މަރުކަޒުތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެ ނަމަ އަދި ހުން އަތުވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާ ކުރަމުން ގެންދިޔުން އަދި މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ ޓެމްޕަރޭޗަރ ގަވާއިދުން ބެލޭނެ ކަމަށާއި އަދި އަތޮޅުތެރޭގައި ނަމަ އެކަހެރިކޮށް ބެލެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ސިއްހީ ހިދުމަތްތައް، ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން ދެ ރޫމް، ފިޔަވަތިގައި އައިސޮލޭޝަން ތިން ރޫމް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ދެ ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ހާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގާއިމުރުމުގެ އެންމެހައި ތައްޔާރީތައް ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މަރުކަޒުތަކުގެ ވަދެ ނިކުމެވާ ހުރިހައި ދޮރެއްގެ ކައިރީގައި ހޭންޑް ސެނެޓައިޒާ ހަރުކުރެވި، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގި ފޯރުކޮށްދެވޭނެ ކަމަށާއި މަރުކަޒު ހުންނަ އިމާރާތްތައް ގަވާއިދުން ސާފުކުރަމުން ދާނެ ކަމަށެވެ.

މީގެ އިތުރުން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގައި ހޯމްވިޒިޓް ހެދުމާއި ކޭސްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުމުގައި، މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް މަދުވެގެން އެއް ސޯޝަލް ވޯކާ ކޮންމެ ދުވަހަކު މަސައްކަތް ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ސިވިލް ސާވިސް ކޮމިޝަންގެ ސާކިއުލާގައި އަންގަވައިފައިވާ ގޮތަށް ނޭވާލާ ނިޒާމަށްޖެހޭ އެއްވެސް ބައްޔެއް މުވައްޒަފުންގެ ފަރާތުން ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށް އަންގާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މަރުކަޒުތަކުގައި މި ފިޔަވަޅުތައް އެޅުމުގެ އިތުރުން މިނިސްޓްރީއާއި މަރުކަޒުތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފިންގާޕްރިންޓް ޖެހުމުގެ ބަދަލުގައި ކާޑު މެޝިން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެކިއެކި އެލާޓް ލެވެލްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީގެ އިންޓާނަލް ޓާސްކްފޯސްއެއްއެކުލަވާލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.