ދުނިޔެ

ތުރުކީގެ ޕޮލިސް ސްޓޭޝަނަކަށް އަންހެނަކު އަމިއްލަ އަށް މަރުވެގެން ހަމަލާ ދީފި

Jan 6, 2015

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށް އަންހެނަކު އަމިއްލަ އަށް މަރުވެގެން މިރޭ ދިން ބޮމުގެ ހަމަލާއެއްގައި ފުލުހަކު މަރުވެ އެހެން ފުލުހަކު ޒަހަމްވެއްޖެ އެވެ.

ހަމަލާ ދީފައި ވަނީ ޓޫރިސްޓުން ވަރަށް ގިނައިން ގޮސް އުޅޭ ބުލޫ މޮސްކް ނުވަތަ ސުލްތާން އަހްމަދު މިސްކިތް ކައިރީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށެވެ. މިއީ މަޝްހޫރު ހަގީއާ ސޯފިއާ ދާރުލްއާސާރާ ވެސް ކައިރި ހިސާބެކެވެ.

އިސްތަންބޫލްގެ ގަވަރުނަރު ޓާކިޝް ޓީވީ އަށް ވިދާޅުވީ ހަމަލާ ދިން މީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުން ކަމަށާއި އެކަމަކު އެއީ ކޮން ގައުމެއްގެ ކާކު ކަމެއް އަދި ނޭނގޭ ކަމަށެވެ.

ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވާއިރު މިއީ މިދިޔަ ހަފުތާއެއްހާ ދުވަސް ތެރޭ ތުރުކީގެ ފުލުހުންނަށް އަމާޒުކޮށް ދިން ދެ ވަނަ ހަމަލާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަނީ ބޮޑުވަޒީރުގެ އޮފީސް ކައިރީ ތިބި ފުލުހުންގެ ބަޔަކާ ދިމާލަށް އަތުބޮން އުކުުމަށް ފަހު ބަޑިން ވެސް ހަމަލާ ދީފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ގަވަރުނަރު ސާހިން ވިދާޅުވީ އަންހެން މީހާ ފުލުހުންގެ މަރުކަޒު ތެރެއަށް ވަނީ ވޮލެޓް ގެއްލިގެން އެކަން ރިޕޯޓް ކުރުމަށް ކަމަށް ބުނެފައި ކަމަށެވެ.

ހަމަލާ ދިން ސަރަަހައްދުުގެ ދަތުރުފަތުރުގެ ނިޒާމް ވަނީ ހަމަލާ ދިނުމާ އެކު ހުއްޓުމަކަށް ގެނެސްފަ އެވެ. ނަމަވެސް ޓޫރިސްޓުން ގިނަ މި ހިސާބުގައި ލަސްތަކެއް ނުވެ ދަތުރުތައް ވަނީ އަލުން ފަށައިފަ އެވެ

ތުރުކީ ސަރުކާރާ ދެކޮޅު ބައެއް ޖަމާއަތްތަކުގެ ނުރައްކާ އެ ގައުމަށް އޮތް އިރު އަވަށްޓެރި ސީރިއާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ވެސް ވަނީ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން އުފެދިފަ އެވެ. -- ބީބީސީ