ދުނިޔޭގައި ވަރަށް ހަލުވިމިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަހާ ގުޅިގެން، ރަޝިއާގެ އިތުރުން މިސްރަށްވެސް އެހެން ގައުމަކުން އެއްވެސް މީހަކަށް އެ ދެ ގައުމަށް އެތެރެވުން މަނާކޮށްފި އެވެ.
ކޮވިޑް-19ގެ ނަން ދީފައިވާ އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 8،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ގިނަ ގައުމުތަކުން ދަނީ ބޯޑަރުތައް ބަންދުކޮށް، މީހުން އެތެރެވުން މަނާކޮށްފަ އެވެ.
މެއި 1 ވަނަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވީނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން ވަރަށް މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 114 ގަ އެވެ.
ނަމަވެސް، އެ ގައުމުގައި އޮތް ހަގީގީ ހާލަތު ފޮރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ރަޝިއާ ސަރުކާރަށް އަމާޒު ކުރަމުންނެވެ.
މިސްރުންވެސް އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށްފައިވާއިރު، އެ ގައުމުގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 196 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ ދެ ގައުމަށް ދަތުރުކުރާ ދިވެހިންގެ އިތުރުން އެ ގައުމުގައި މިވަގުތު ތިބި ދިވެހިންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އެގޮތުން، ރަޝިޔާގެ ސަރުކާރުން ވަނީ 18 މާޗުން ފެށިގެން މެއި 1 އާ ހަމައަށް، ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފިޔަވައި، އެހެން ބިދޭސީންނަށް އެ ގައުމަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި މިސްރުގެ ސަރުކާރުން ވަނީ މާދަމާގެ މެންދުރު 12:00 އިން ފެށިގެން މާޗް 31 ގެ ނިޔަލަށް، އެ ގައުމުގެ އެއްވެސް އެއާޕޯޓަކުން އެއްވެސް ފްލައިޓެއް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލެވިފައިކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.
އެހެންކަމުން، މި ދުވަސްތަކުގެ ތެރޭގައި އެ ދެ ގައުމަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށާއި، އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ވަނީ އެދިފަ އެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބޭރަށް ދަތުރުކުރާ ދިވެހިންނާއި މިވަގުތު އެކި ގައުމުތަކުގައި ތިބި ދިވެހިންވެސް ތިބި ގައުމެއްގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އެދިފައިވެ އެވެ.
"އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް އިލްތިމާސްކުރަމެވެ."