ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 200،000 އިން މައްޗަށް

Mar 18, 2020

ޗައިނާ އިން އުފަންވެގެން މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ އާ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 200،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

އެ ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 8،700 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ވައިރަސް ފެތުރޭ އެޕިސެންޓަރަކީ ޔޫރަޕު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެ ބަލި ފެތުރުން ހުއްޓުވެންއޮތީ ވީހާވެސް ގިނަ ބަޔަކު ޓެސްޓުކޮށްގެން ކަމަށާއި، ޔޫރަޕުގެ އިތުރުން އިރު ދެކުނު އޭޝިއާގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

ޗައިނާ އިން ބޭރުން އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީގައި މިއަދު ވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން މަރުވެފަ އެވެ. މުޅި އިޓަލީ މިހާރު ލޮކްޑައުންކޮށްފައިވާއިރު، މިއަދު އެކަނިވެސް އެގައުމުގައި 475 މީހުން ވަނީ މަރުވެފަ އެވެ. އަދި އިޓަލީގައި އެ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވި، އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 37،713 އަށް އަރައިފަ އެވެ.

އިޓަލީ ލޮކްޑައުންކޮށް، މީހުން ގޭގައި ތިބެން އެންގިފަހުން، ދެ ހަފްތާ ވެފައިވީނަމަވެސް، އެ ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ސަބަބަކީ ސިއްހީ ނިޒާމަށް ފަރުވާ ނުދޭ ވަރަށް ބަލި ޖެހުނު މީހުންގެ އަދަދު ގިނަވުމާއި، އިޓަލީގައި އުމުރުން ދުވަސް މީހުން އާބާދީ ގިނަކަމުންކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެ އެވެ.