ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

އިޓަލީ މީހެއްގެ އިންޒާރު: ލައިގަންނައިރު ނުވެސް އެނގޭނެ!

ކޮވިޑް-19 ޖެހޭ މީހުން އިންތިހާއަށް އިތުރުވަމުން ދާތީ މުޅި ދުނިޔެއަށް ވަނީ ބޮޑު ބިރުވެރިކަމެއް ފެތުރިފަ އެވެ. ނަމަވެސް ދުނިޔެއަށް މީގެ ކުރިން ދިމާވި ބައެއް ކަހަލަ ބިރުވެރި ހާލަތްތަކުގައި ވެސް މާ ބޮޑު ކަމަކަށް ނުހަދާ އަޅާނުލާ ބައެއް މީހުން އުޅުނު ގޮތަށް މިފަހަރު ވެސް އެހެން އުޅޭ މީހުން ވަރަށް ގިނަ އެވެ. އެފަދަ މީހުންނަކަށް މި ދިމާވެގެން އުޅޭ މައްސަލައަކީ މާ ކަންބޮޑުވާން ޖެހޭ ކަމަކަށް ނުވެ އެވެ. އެމީހުންނެއް މިކަމަކާ މާ ސީރިއަސް އެއް ނޫނެވެ. އެމީހުންގެ ފަރުވާ ކުޑަކަމުން އެހެން މީހުން ނުރައްކަލުގެ ތެރެއަށް ވައްޓާލެވެނީކަމެއް އެމީހުންނަކަށް އިހްސާސެއް ނުވެ އެވެ.
ގެއިން ބޭރަށް ނުކުމެ ތިބޭށޭ އަންގަމުންދާއިރުވެސް ގިނަ ބަޔަކު މަގުމަތީގަޔާއި ސައިހޮޓާތަކުގަޔާއި އެނޫންވެސް ތަންތަނަށް އެއްވެ މަޖާކޮށް ސައިބޮއި އުޅެ އެވެ. މި ވައިރަސްގެ ބާރުހުރި މިންވަރާއި މީގެން ލިބިދާނެ ބޮޑު ގެއްލުމަކާ މެދު މި މީހުން އެއްގޮތަކަށް ވެސް ވިސްނައެއް ނުލަ އެވެ. އެ މީހުން އުޅޭ ގޮތަކުން އެއްވެސް ކަމެއް ވެގެން އުޅޭކަމެއް ނުވެސް އެނގޭ ކަހަލަ އެވެ.

އިޓަލީގެ މީހަކު ދާދިފަހުން ކުރި ޓުވީޓެއްގައި މިފަދައިން ފަރުވާ ކުޑަކޮށްލައިގެން ކަމެއް ނުވާކަމަށް ހަދައިގެން އުޅޭ މީހުންނަށް ވަރަށް ވަރުގަދަ އިންޒާރެއް ދީފައި ވެއެވެ. ބަލި މާ ބޮޑަށް ފެތުރިގަންނަން ނުފަށަނީސް އަހަރެމެން ފަރުވާތެރި ނުވެއްޖެނަމަ ލިބޭނީ އިޓަލީއަށް ލިބުނު ކަހަލަ ލަނޑެއް ކަމަށާއި އެ ގައުމުގެ އެތައް މިލިއަން ބަޔަކު މިހާރު އެ އުފަލުންދާ ވޭނާއި ހިތާމަ އެހެން ގައުމުތަކުގެ މީހުންނަށް ވެސް އުފުލަން ޖެހިދާނެކަމަށް އެމީހާ ބުނެފައި ވެއެވެ. އޭނާ ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް 24 ގަޑިއިރު ތެރޭގައި އިޓަލީއިން 368 މީހުން މަރުވެފައި ވެއެވެ. މިކަމާ ކަންބޮޑުނުވާނަމަ ދެން ކަންބޮޑުވާންވީ ކޮން ކަމަކާތޯ އޭނާ ސުވާލު ކޮށްފައި ވެއެވެ.

"ކަލޭމެން އަދިވެސް ރައްޓެހިންނާއެކު ރެސްޓޯރަންޓްތަކަށް ގޮސް މާ ބޮޑު ކަމެއް ނުވާކަމަށް ހަދައިގެން އުޅޭނަމަ އަވަހަށް ތި ކުރެވޭ ކަންތަކާ މެދު ހޭ އަރާ. ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުންނޭ. ކަލޭމެންނަށް އެބަ އެނގޭތަ ކިހާވަރެއްގެ ކަމެއް ކަމެއް ލައިގަންނަން ތައްޔާރުވަނީ،" ޔޭސަން ޔާނޯއިޒް ނަމަކަށް ކިޔާ އެމީހާގެ ފުރަތަމަ ޓުވީޓްގައި ވެއެވެ.

މުޅި އިޓަލީ ކަރަންޓީނު ކޮށްފައިވާއިރު އެ ގައުމުގެ ހާލަތު އެނގޭ މީހަކަށް ނޫނީ އެމީހުން އުޅޭ ހާލު ނުވިސްނޭނެކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންނަށް އެފަދަ ކަމެއް މެދުވެރިއެއް ނުވާނޭ ހިތަށް އަރާ ކަލޭމެން ފަރުވާ ކުޑަކުރާނަމަ އެ ކުރެވެނީ ވަރަށް ނުރައްކާތެރި ކަމެއް. އަހަރެމެން ވެސް ތިގޮތަށް ވިސްނި އިރެއް ދިޔަ. ނަމަވެސް މިހާރު މިތިބީ ހޭ އަރާފަ. އަހަރެން ކައިރީ ވެސް ވަރަށް ގިނަ މީހުން ބުނި ތިމަންނަމެންނަކީ އެއްވެސް ބައްޔެއް ނެތް ވަރަށް ސިއްހަތު ރަނގަޅު ބައެކޭ. ނޫނީ އަނެއްބަޔަކު ބުނި އަހަރެން މާ ޒުވާނޭ ތި ބަލީގައި މަރުވާ ވަރަށް ވުރެން. އެހެންވީމަ ހާސް ނުވާށޭ،" އެމީހާ ކިޔައިދިނެވެ.

އޭނާ ދެން ވަނީ އިޓަލީގައި އެކަން ފެށީގެން އައިގޮތް އޭނާގެ ތަޖުރިބާގެ އަލީގައި ކިޔައިދީފަ އެވެ. ކޮރޯނާ ވައިރަސް ފުރަތަމަ އިޓަލީން ފެންނަން ފެށުމުން އެންމެންވެސް އެއީ އާދައިގެ އަރިދަފުސް ރޯގާއެކޭ ކިޔާފައި މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އަނެއް ބަޔަކު 75 އަހަރު ނުވާތީ ބަލި ނުޖެހޭނެ ކަމަށް ބަލައިގެން ތިބީ އެވެ.

"އެމީހުން އޭރު ބުނަނީ ތިމަންނާ އަކަށް އެ ބައްޔެއް ނުޖެހޭނޭ. ބައެއް މީހުން މާ ކަންތައް ބޮޑުކޮށްލައިގެން އުޅެނިއްޔޭ. ކީއްކުރަންހޭ ޓީޝޫ ރޯލާއި މާސްކާ ގަންނެ އެއްކުރަންވީ. އަހަރެން ނޫޅެމޭ ތީގެން އެއްވެސް ކަމެއް ކުރާކަށް އަހަރެން ކުރިން ވެސް އުޅެމުން އައި ގޮތަށޭ އުޅޭނީ،" ޔޭސަން ކޮށްފައިވާ އެތައް ޓުވީޓެއްގެ ތެރެއިން އެއް ޓުވީޓްގައި ވެއެވެ.

އޭނާ ބުނި ގޮތުގައި އިޓަލީގައި ކޮވިޑް-19ގެ ބަލި މީހުން ގިނަ ވާން ފެށީ ކުއްލިއަކަށެވެ. އެހިސާބުން ރެޑް ޒޯނެއް ކަނޑައެޅި އެވެ. އެ ވަރުން ވެސް މީހުން ހެޔެއް ނާރަ އެވެ. އެމީހުން ހީކުރީ ނުރައްކާ އޮތީ ރެޑް ޒޯންގައި ތިބި މީހުންނަށް އެކަނި ކަމަށެވެ. އޭގެ ފަހުން ދުވާލަކު އެތައް ސަތޭކަ ބަޔަކު މަރުވާން ފެށި އެވެ. މީހުންނަށް ހޭވެރިކަންވީ އެހިސާބުންނެވެ. ދެން ތެޅިގަނެގެން ފިޔަވަޅުތައް އެޅިއިރު ވަގުތު ފާއިތުވެއްޖެ އެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކަށް ބަލިޖެހި އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލެން ފެށި އެވެ. ބޭރަށް ނުނިކުތުމަށާއި ގިނަގިނައިން އަތްދޮވުމަށާއި އެނޫންވެސް ސިއްހީ އިރުޝާދުތައް ހުރިހާ ޓީވީ ޗެނަލްތަކަކުން ކޮންމެ ފަސް މިނިޓަކުން ދެމުން ދިޔަ ނަމަވެސް އެކަމާ އަޅާ ނުލާ މީހުން އޭރުވެސް އިޓަލިގައި ވަރަށް ގިނައިން ތިއްބެވެ.

ނަތީޖާއަކަށްވީ ހޮސްޕިޓަލުތައް ފުރިގެން ބަންޑުން ދިއުމެވެ. ފަރުވާދޭން ހުރި ބޭހާއި އެހެނިހެން ވަސީލަތްތައް އެކަށީގެންވާވަރަށް ވުރެ މަދުވުމެވެ. ސިއްހީ ޚިދުމަތްދޭން ތިބި ޑޮކްޓަރުންނާއި ނަރުހުން އަދި އެނޫންވެސް މެޑިކަލް ސްޓާފުންގެ ގަޔަށް ބަލި އަރައި އެމީހުން ބަލިވާން ފަށައި ބަލި މީހުންނަށް ފަރުވާދޭނެ މީހަކު ނެތް ވަރަށް ކަންތައްތައް ދިޔަ އެވެ. އެހާވަރުވީއިރު ވެސް ކަންބޮޑުނުވާނަމަ ދެން ކަންބޮޑުވާންވީ ކޮން އިރަކުންތޯ އެމީހާ ސުވާލު ކޮށްފައި ވެއެވެ.

އެންމެ ފަހުން ބަލި މީހުންނަށް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން ނެތިގެން ރިޓަޔާ ވެފަ ތިބި ޑޮކްޓަރުންނާއި ނަރުހުން މަސައްކަތަށް ނެރުނެވެ. ޔުނިވަސިޓީގައި އެންމެ ދެ އަހަރު ކިޔަވައިފައި ތިބި މެޑިކަލް ސްޓޫޑަންޓުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ނެރުނެވެ. އެމީހުން މަސައްކަތް ކުރާކަށް އެއްވެސް ޝިފްޓެއް ނެތެވެ. ވަރުބަލިވެގެން ގޮސް ތަންތަނަށް ދެމެންދެން މަސައްކަތް ކުރަންވީ އެވެ. ބަލި ޖެހުނު ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އެމީހުންގެ އާއިލާތަކަށް ބަލި ފެތުރުނެވެ.

އޭނާ ބުނި ގޮތުގައި ގިނަ މީހުންނަށް މިކަމުގެ ބިރުވެރިކަމާއި ނުރައްކާ ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ އެވެ. އެތައް ބަޔަކު މަރުވެ އެތައް ބަޔަކު އިންތިހާއަށް ބަލިހާލުގައި ތިބެން ޖެހިއްޖެ އެވެ. ބަލިމީހުންގެ ޚިދުމަތުގައި ތިބި އެތައް ބައިވަރު ޑޮކްޓަރުންނަކާއި ނަރުހުންނެއް އެމީހުންގެ ފުރާނައިން އަތްދޮވެލަން ޖެހިއްޖެ އެވެ.

ޓުވީޓްތަކުގެ ސިލްސިލާ ނިންމާލަމުން އޭނާ މުޅި ދުނިޔޭގެ އެންމެނަށް ދިން އިންޒާރަކީ ޗައިނާއިން ފެށުނު މި ބަލި މިހާރު ކޮރެޔާ ފަދަ ތަންތަނުގައި ވެސް ކޮންޓްރޯލް ކުރެވެން ފަށައިފި އެވެ. ނަމަވެސް އެހެން ގިނަ ގައުމުތައް އަދި ތިބީ ފުރަތަމަ މަރުހަލާގަ އެވެ. މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފިނަމަ އިޓަލިގެ ތަޖުރިބާ ދުނިޔޭގެ ހަމަ ކޮންމެ ގައުމަކަށް ވެސް ކުރަން ޖެހިދާނެ އެވެ.

"އަހަންނަށް ވެސް މީގެ ދެ ހަފުތާ ކުރިން ވެސް މި ގޮތަށް އިޓަލީގެ ހާލަތު ބަދަލުވެދާނެކަމަށް ޚިޔާލަކަށް ވެސް ނުގެނެވޭ. ނަމަވެސް މިހާރު ބަލާބަލަ. އެހެންވެ މި ބުނަނީ އެންމެން ހޭލާ އެމީހެއްގެ ޒިންމާ އެމީޙަކު އަދާކުރާށޭ،" ނިންމާލަމުން އެމީހާ ބުނެފައި ވެއެވެ.