ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަޝިއާއަށް ދިޔަ ތިން ދިވެހި ދަރިވަރަކު ކަރަންޓީނުކޮށްފި

Mar 19, 2020

ރަޝިއާއަށް ދިޔަ ތިން ދިވެހި ދަރިވަރެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، އެ ތިން މީހުން އެ ގައުމުގައި ކަރަންޓީނުކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވި ގޮތުގައި، ރަޝިއާއަށް ދިޔަ ތިން ދިވެހި ދަރިވަރެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން، އެ ތިން މީހުންވެސް އިތުރު ފަސް ދުވަހަށް ކަރަންޓީނުކުރުމަށް ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށް މަބުރޫކު ވިދާޅުވި އެވެ.

މަބުރޫކު އިތުރަށް ވިދާޅުވި ގޮތުގައި، އެ ތިން ދަރިވަރިންގެ ހާލު މިވަގުތު ރަނގަޅުކަމަށާއި، އެ މީހުންގެ ހާލަތު ފޮރިން މިނިސްޓްރީގެ އިތުރުން ޖަރުމަނުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

މެއި 1 ވަނަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވީނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން ވަރަށް މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 114 ގަ އެވެ.

ނަމަވެސް، އެ ގައުމުގައި އޮތް ހަގީގީ ހާލަތު ފޮރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ރަޝިއާ ސަރުކާރަށް އަމާޒު ކުރަމުންނެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއަށް ދަތުރުކުރާ ދިވެހިންގެ އިތުރުން އެ ގައުމުގައި މިވަގުތު ތިބި ދިވެހިންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، ރަޝިޔާގެ ސަރުކާރުން ވަނީ 18 މާޗުން ފެށިގެން މެއި 1 އާ ހަމައަށް، ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފިޔަވައި، އެހެން ބިދޭސީންނަށް އެ ގައުމަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.